ހަބަރު

އާ އާޓިފިޝަލް ބީޗުގެ މޫދު ތަޣައްޔަރެއް ނޫން، ކަނބޮޑުވާކަށް ނުޖެހޭނެ: މުއިއްޒުަ

ރަށެއްގެ މަލަމަތި ސިވަފާ ފަދަ ގޮތަކަށް މާލޭ ހުޅަނގު ފަރާތުގައި ހަދަމުން އަންނަ އާޓިފިޝަލް ބީޗުގެ މޫދު ތަޣައްޔަރުވެފައި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެތަނުގައި އެއްވެސް ވަރަކަށް ޖަރާސީމެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މާފަންނުގައި ތަރައްގީ ކުރާ އާޓިފިޝަލް ބީޗުގެ މޫދަށް އެރޭ މީހުންގެ ސިއްހަތަށް ނުރައްކާ ބޮޑު ކަމަށް ބުނެ މިދުވަސް ކޮޅު ހަބަރުފެތުރިފައިވާތީ އެެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އުފަލަށް މިފަދަ ބޮޑެތި މަޝްރޫއުތަށް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދާތީވެ ބައެއް ފަރާތްތަކުން ރައްޔިތުންގެ ހިތުގައި އެކަމާއި މެދުގައި އެކި ކަހަލަ ހިޔާލުތަކާއި ޝައްކު އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަށެވެ. އެހެން ނަމަވެސް މިސަރުކާރު މަސައްކަތް ކުރާނީ ޒިންމާދާރު ކަމާއި އިހްލާސްތެރިކޮށް ކަމަށާއި އެގޮތުން ހެލްތު މިނިސްޓްރީގެ ނެޝަނަލް ހެލްތުލެބު މެދުވެރިކޮށް ދެދުވަހުން އެއްދުވަހު އާޓިފިޝަލް ބީޗުގެ ލޮނުގަނޑު ޓެސްޓު ކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އާޓިފިޝަލް ބީޗެއް ހަދައި ވާހަކަ ދެކެވުމުން ބައެއް މީހުން ކިޔަމުން އައީ އެތަނަކީ ހެދޭނެ ތަނެއް ނޫނޭ. ބްރިޖާއި މެދުވެސް ދެއްކީ މިފަދަ ވާހަކަތަކެއް. މިހާރު އެތަން ހެދޭތީ އެބަލަނީ ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށް. ނަމަވެސް އެތާންގެ ޓެސްޓުތަށް އަޅުގަނޑުމެން ބަރާބަރަށް ހަދަން. އެތަނުގައި ޖަރާސީމެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގޮތުގައި މީގެ ކުރިން އެތަނުގެ ފެންގަނޑު ރަނގަޅު ނޫން ނަމަވެސް ހެލްތު ލެބުގެ އެންމެ ފަހުގެ ޓެސްޓު ތަކުން ދައްކައި ގޮތުގައި އެ މޫދުގައި ފީކަލް ޕޮލިކަމްސް [ޖަރާސީމެއް] ހުރި މިންވަރު ވަނީ ސުމަކަށް ތިރިވެފައިވާ ކަމަށެވެ. އެގޮތުން އެތަނާއި މެދު ރައްޔިތުން އެއްގޮތަކަށް ވެސް ކަނބޮޑުވާން ނުޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާފަންނު އާޓިފިޝަލް ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުގެ ބޮޑެތި ފަސް ކުންފުންޏަކާއި ހަވާލު ކޮށްގެން ހައުސިން މިނިސްޓްރީ އިން ކުރިޔަށް ގެންދާ އިރު މިއަދާ ހަމަޔަށް ބީޗުގެ ބޮޑުބައެއް ވަނީ ނިމިފަ އެވެ. ނަމަވެސް މީގެ ކުރިން ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ ބީޗުގެ މަސައްކަތް މިމަހު މެދުތެރޭގައި ނިމޭނެ ކަމަށެވެ.