އަހުމަދު ރިލްވާން

ރިލްވާންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

Jan 25, 2023

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

މިމައްސަލައިގައި ދައުވާ ކުރަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (އަހަނދު)ގެ އިތުރުން މާލެ ދަފްތަރު 8499، އަހްމަދު މުއާޒުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 8:30އަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އަޑު އެހުން ކެންސަލްކުރީ އަލަށް އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނާ އެއްގޮތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

މި ތިން މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ޖޫން 26، 2022ގަ އެވެ.

މުއާޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އިސްމާއިލް އަބްދުއްރަހީމް އާދަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އެވެ. އަހްމަދު އިސްމާއީލްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާ އެކެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ރިލްވާނާއި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހުންނެވެ. ތިން މީހުން ވެސް ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މަރު ކޮމިޝަނުގެ ތަހުގީގަކަށް ފަހު އެވެ. އަދި މިއީ އެ ކޮމިޝަނުން މިހާތަނަށް ބައެއްގެ މައްޗަށް ދައުވާ ކުރި ހަމައެކަނި މައްސަލަ އެވެ.