ހަބަރު

ހައިކޯޓުން ޕީޖީއަށް ރައްދު: އަހަރެއްވީއިރު ވެސް އިސްތިއުނާފަށް ނޭދޭ

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ހައިކޯޓުން ނުރުހުން ފާޅުކޮށްފި އެވެ.

ރިލްވާން ރަހީނުކުރި ކަމަށް ބުނެ ޕީޖީއިން ދެ މީހެއްގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. އެ މައްސަލަ ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީޖީ ބިޝާމް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމެޓީގެ މެންބަރު މޫސާ ސިރާޖު ރިލްވާން މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ "އެ މައްސަލައިގައި ވާނީ އިސްތިއުނާފު ކުރުމުގެ ހުއްދައަަކަށް އެދިފަ" ކަމަށެވެ.

އެހެންވެ ރިލްވާންގެ މަންމަ ވަނީ އެކަން ސާފުކުރުމަށް ހައިކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ހައިކޯޓުން ބުނެފައިވަނީ "ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް މި ކޯޓުގެ ރެކޯޑްތަކުން ފެންނަން ނެތް" ކަމަށެވެ.

ނަމަވެސް އެކަން ދޮގު ކުރައްވައި ރޭ ޕީޖީ އޮފީހުން ވަނީ ޓްވީޓެއްކޮށްފަ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް ހައިކޯޓުގައި އެދުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އެވެ. އެއީ ކުރިމިނަލް ކޯޓުން ހުކުމް ވެސް ކުރި ދުވަހެވެ. އެ ހުއްދައަށް އޭގެ ހަތަރު ދުވަސް ފަހުން ހައިކޯޓުން ޖަވާބު ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެކަމާ ގުޅިގެން މިރޭ ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ޕީޖީގެ ފަރާތުން ސިޓީއެއް ފޮނުވީ އިސްތިއުނާފު ކުރާ ކަމަށް ގަސްދުކުރާ ކަމަށް ބުނެ އެކަނި ކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ އިސްތިއުނާފު ކުރުމަށް ގަސްދުކުރައްވާތީ، އެ މައްސަލައިގެ ޝަރީއަތް ނިމުމުގެ ގޮތުގެރިޕޯޓް ލިބުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅަން ހުއްދަ ދިނުން އެދޭ ކަމަށް ކަމަށެވެ.

އެ ސިޓީއަށް ހައިކޯޓުން ފޮނުވި ޖަވާބުގައި ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލްއަކުން ނިންމާ ނިންމުން އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތުކަމުގައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިކަމުގައި ބުނެފައިވާނެ ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާއި މެދު ގޮތެއް ނިންމޭނެ ކަމުގައި ދަންނަވާފައިވާނެ ކަމަށެވެ.

ހައިކޯޓުން ބުނީ މުއާމަލާތުގެ އިތުރުން އެ ކޯޓާއި ޕީޖީ އޮފީހާ ދެމެދު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި 2018، 6 އޮގަސްޓުގައި މި ކޯޓުން ޕީޖީގެ އޮފީހަށް ޖަވާބު ދީފައިވީ ނަމަވެސް، އެ ފަހުން އެއް އަހަރު ދުވަސްވެފައިވާ އިރުވެސް މައްސަލަ އިސްތިއުނާފު ކުރާކަށް ވެސް އަދި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިވެސް މި ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

"އެހެންކަމުން، ރައްޔިތުންގެ ހިތްތަކުގައި ހައިކޯޓުގެ އަގު ވެއްޓޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޓްވީޓު ނުކުރެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިލްތިމާސް ކުރަން،" ހައިކޯޓުން ބުންޏެވެ.

މި މައްސަލަ ފެންމަތިވުމާއެކު މިކަން ބަލާނެ ކަމަށް ޖުޑިޝަރީ ކޮމެޓީގައި ހިމެނޭ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ކޮމެޓީގައި ހިމެނޭ އެހެން މެންބަރެއް ކަމަށްވާ މޫސާ ސިރާޖު ވަނީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ބޭނުންވާތީ އެކަން އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅުއްވާފަ އެވެ.