ހަބަރު

ރިލްވާންގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރަނީ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ގަސްކުރާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންއަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އެ ދައުވާއިން މިއަދު އެ ދެމީހުން ސަލާމަތްވެފައިވަނީ އެކަށީގެންވާ މިންވަރަށް ފުލުހުން ތަހުގީގު ހިންގާފައިނުވާތީ ހެކި ލިބިފައިނުވާތީ ކަމަށް މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އިއްވެވި ހުކުމުގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރުމަށް ގަސްދުކުރާތީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދުމަށް މިހާރު ކޯޓުގައި އެދިފައިވާނެ ކަމަށެވެ. ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ލިބޭނީ 10 ދުވަހެވެ.

ރިލްވާންގެ އާއިލާއިން މިއަދު ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދޭނެ ކަމަށް ބުނެފަ އެވެ. އާއިލާއިން ރިލްވާންގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އެތައް އިހުމާލެއްވައިވާކަން މިއަދު ސާބިތުވެފައިވާ ކަމަށެވެ. އާލިފާއި ނޫރައްދީންއަށް ކުށް ސާބިތުނުވުމަކީ އެ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް މިއަދު ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވެ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.