ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މަސައްލައިގައި ދައުލަތުން އެކަށީގެންވާ ވަރަށް މަސައްކަތްކޮށްފައި ނުވާ ކަމަށް އާއިލާ އިން ބުނެފި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ޔާމީންގެ މަރާ ގުޅިގެން ބޭއްވި އަޑުއެހުމަށްފަހު ރިލްވާން އެންޑް ޔާމީން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އާއިލާއިން ހިތްހަމަނުޖެހޭ ކަންތައްތަކެއް އަޑުއެހުމުގައި ފާހަގަކުރެވިފައި ވާތީ އެކަންކަން ޕްރޮސެކިއުޓާ ޖެނެރަލްއަށް އެދިފައިވާނެ ކަމަށެވެ.
އެގޮތުން، 2014 ވަނަ އަހަރު ގެއްލުވައިލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލާގައި ދައުވާ ސާބިތުކުރުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ ފަރުވާކުޑަކަން ކަމުގައި ކޯޓުން ފާހަގަކޮށްފައިވާއިރު، ޔާމީނުގެ މައްސަލާގައިވެސް ދައުލަތުން ފަރުވާކުޑަކޮށްފައިވާ ކަން އާއިލާ އިން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ކުރިއަށް ހުރި ޝަރީއަތްތަކުގައި ޚުދު ޕީޖީ ކޯޓުގައި ވަކާލާތުކުރުމަށް ވަނީ އެދިފަ އެވެ.
މީއިތުރުން އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ކޯޓުގެ އަޑުއެހުމަށް ވަދެވޭނެ ގޮތެއް ނުވަތަ ގިނަ ބަޔަކަށް އަޑުއިވޭނެ ގޮތަށް ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބޭއްވުމަށް ވެސް ޕީޖީއަށް އާއިލާ އިން ވަނީ އެދިފަ އެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި ފުރަތަމަ ފަހަރަށް ވަނީ ޔާމީނަށް ހަމަލާ ދިން ވީޑިއޯ ދައްކާލާފަ އެވެ. އެ ވީޑިއޯ އަކީ ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ބޭނުންކުރި ވީޑިއޯ އެކެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ޔާމީން މަރާލާފައި ވަނީ 23 އެޕްރީލް، 2017 ވަނަ ރޭ މެންދަމުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.