ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފަށް

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަ މީހުންގެ ތެރެއިން އިއްޔެ ސަލާމަތްވި ހަތަރު މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުމުގެ ނިޔަތެއް އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ޔާމީންގެ މަރު މައްސަލައިގައި އިއްޔެ ކޯޓުން ނިންމާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ މި މައްސަލައިގައި ދައުވާ އުފުލި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހަމަ އެ ދައުވާ އުފުލައިފައިވާ އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

މިމައްސަލައިގައި އިއްޔެ އިއްވި ހުކުމުގައި، މި އެންމެން ޔާމީން މަރައިލުމުގެ މަސައްކަތުގައި އެކި ދައުރު އަދާކޮށްފައިވާކަން ދައުލަތުން ފާހަގަކޮށްފައިވާކަމަށް ހާމަކޮށްފައި ވެއެވެ. އެގޮތުން ޝިފާޒާއި ދިފްރާނަކީ ޔާމީނަށް ފާރަލީ ދެމީހުން ކަމަށެވެ.

އަދި އިސްމާއީލް ރަޝީދަކީ ޔާމީނަށް ހަމަލާދިން ވަގުތު އެގޭ ދޮރުމަތީ ހުރި މީހާ ކަމަށާއި، ހަމަލާއަށްފަހު ހައިޝަމް ގޮވައިގެން ސައިކަލުގައި ދިޔައީ އޭނާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ފުޓޭޖްގެ ސައްހަކަމާމެދު ގާޒީ އާދަމް މުހައްމަދު ވަނީ ސުވާލު އުފައްދައި އެ ހެކި ބަލައި ނުގަތުމަށް ނިންމައިފަ އެވެ.

ދެން މި މައްސަލައިގައި ދައުވާ އުފުލި ޒިޔާދަކީ ޔާމީން މަރައިލުމަށް ކުރި މަޝްވަރާތަކުގައި ޒިޔާދު ބައިވެރިވިކަމަށް ހެކިން ހެކިބަސް ދިން ނަމަވެސް ޔާމީން މަރައިލުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިކަމުގެ ހެކި ލިބިފައި ނުވާ ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި ދެން މައްސަލަ ސާބިތުނުވާ ތިން މީހުން ވެސް އަމަލީ ގޮތުން ކުށުގައި ބައިވެރިވެފައިވާ ކަމުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައި ވަނީ އެގޮތަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް އެ ހަތަރު މީހުންނަކީ ވެސް ޔާމީން މަރައިލުމަށް ރާވާ، އެކަން ތަންފީޒުކުރުމުގައި އެކި މިންވަރަށް ބައިވެރިވެފައިވާ ބައެއް ކަމަށް މައްސަލައިގެ ހެކި ގަރީނާ އިން އެނގޭ ކަމަށެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން، މައްސަލަ ދިރާސާކުރުމަށްފަހު ހައިކޯޓުގައި އިސްތިއުނާފްކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި ދައުވާ އުފުލި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން، އެއީ ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މައްސަލަ ސާބިތުވި ދެ މީހުންނަށް އިއްވާފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އަދި 1.3 މިލިއަން ރުފިޔާގެ މަރުގެ ދިޔަ އެއް އަހަރުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ދެ މީހުންނަށް އިއްވި 25 އަހަރުގެ ޖަލުހުކުމުން އެމީހުން މިހާތަނަށް ބަންދުގައި ތިބި މުއްދަތު ވަނީ އުނިކޮށްފަ އެވެ. އެއީ ހަތަރު އަހަރާއި އަށް މަހާއި 11 ދުވަހެވެ. އެމީހުން ދެން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހެވެ.