ޔާމީން ރަޝީދުގެ މަރު

ހައިޝަމް އާއި ޒިހާން އުމުރަށް ޖަލަށް، މަރުގެ ދިޔައަށް 1.3 މިލިއަން

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ މީހަކު ކުށްވެރިވާ ކަމަށް ކަނޑައަޅައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ދެންމެ ހުކުމް ކޮށްފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި ހުސައިން ޒިޔާދާއި އިސްމާއީލް ރަޝީދާއި ހަސަން ޝިފާޒާއި، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ދައުލަތުން މި ހަތަރު މީހުންގެ މައްޗަށް އުފުލައިފައިވާ ގަސްދު މަރުގެ ދައުވާއާ މެދު ގާޒީ ވަނީ ސުވާލު އުފައްދައިފަ އެވެ. ސަބަބަކީ އެ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ވަރުގެ ހެއްކެއް ދައުލަތުން ހުށައަޅާފައި ނުވާތީ އެވެ.

ހައިޝަމް އަކީ ޔާމީން މަރައިލަން ރާވައި އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާ އެވެ. ހައިޝަމް އާއި ޒިހާން، ޔާމީން ދިރިއުޅޭ ގޭ ތެރޭގައި ޔާމީނަށް ހަމަލާ ދިން މަންޒަރު ސީސީޓީވީ ފުޓޭޖަށް ވަނީ އަރައިފަ އެވެ. މި މައްސަލައިގައި ހެކިބަސް ދިން ސިއްރު ހެކިވެރިޔަކު ކިޔައިދިން ގޮތުގައި އެ ގޭ ކައިރިން އެރޭ އޭނާ ދަނިކޮށް ބާރު އަޑެއް އިވުނެވެ. އެ އަޑާ ދިމާލަށް ދަނިކޮށް އަޑު ކެނޑުމާއި އެކު ދެ މީހަކު ނިކުތެވެ. އެ ދެ މީހުން ސިއްރު ހެކިވެރިޔާ ސިފަކޮށްދިން ގޮތާއި ކެމެރާއިން ފެންނަ ގޮތާއި އެއްވައްތަރު ސިފަތަކެއް ހުރިކަމަށް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުން ވާރިސުންގެ ބަސް ނެގި އެވެ. ޔާމީންގެ މަންމަ، މަރިޔަމް ޝަފީގާ ކޯޓުގައި ބުނީ ގިސޯސް ހިފަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ. ބައްޕަ ހުސެއިން ރަޝީދު ބުނީ ގިސޯސް ހިފަން ބޭނުންވާ ކަމަށެވެ.

ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވެފައި ވާރިސުންގެ ތެރެއިބް އެކަކުވެސް ގިސޯސް ހިފަން ބޭނުންނުވާނަމަ އެ ހުކުމް ކަނޑަނޭޅޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކަނޑައެޅޭނީ ގާނޫނީ އަދަބެއް ކަމަށެވެ.

ދެ މީހުންނަށް އިއްވި 25 އަހަރުގެ ޖަލުހުކުމުން އެމީހުން މިހާތަނަށް ބަންދުގައި ތިބި މުއްދަތު ވަނީ އުނިކޮށްފަ އެވެ. އެއީ ހަތަރު އަހަރާއި އަށް މަހާއި 11 ދުވަހެވެ. އެމީހުން ދެން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހެވެ.