ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަ މީހުންގެ ތެރެއިން ސަލާމަތްވި ހަތަރު މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނީ ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ފައިނަލް ރިޕޯޓު ހިއްސާ ކުރުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޔާމީންގެ މަރު މައްސަލައިގެ ހުކުމްކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ޔާމީން މަރައިލި ކަމުގެ ކުށް ސާބިތުވެފައި ވަނީ އެ މައްސަލައިގައި ދައުވާ އުފުލި ހަ މީހުންގެ ތެރެއިން މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލައިފައިވާ އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ހަ މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ގަސްތު ކޮށްފައިވާ ކަމަށެވެ. އެކަމަކު ފައިނަލް ނިންމުމެއް ނިންމޭނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ހިއްސާކުރުމުން، ރިޕޯޓު ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.
މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން 60 ދުވަހުގެ މުއްދަތެއް ލިބެ އެވެ.
މައްސަލަ ސާބިތުވި ދެ މީހުންނަށް އިއްވާފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އަދި 1.3 މިލިއަން ރުފިޔާގެ މަރުގެ ދިޔަ އެއް އަހަރުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން މަރާލައިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑިގޮޅީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭނާ މަރާލައިފައި ވަނީ ދުރާލާ ރާވައިގެންނެވެ. އޭނާ މަރައިލުމުގައި މި މައްސަލައިގެ ދައުވާ އުފުލި އެކި މީހުން އެކި ދައުރު އަދާކޮށްފައިވާކަން ހެކިންގެ ހެކިބަހުން އެނގެ އެވެ. އެކަމަކު އެމީހުން ސަލާމަތްވީ ދައުލަތުން އެމީހުންގެ މައްޗަށް އުފުލާފައިވާ ގަސްދު މަރުގެ ދައުވާގެ ސަބަބުންނެވެ. އެކަންކަން މި މައްސަލައިގެ ހުކުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ ފާހަގަކުރައްވާފަ އެވެ.