ޔާމީން ރަޝީދުގެ މަރު މައްސަލައިގައި އަންނަ މަހު ހުކުމް ކުރައްވާނެ ކަމަށް، މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވުމެވެ. ދައުވާ ލިބޭ ހަ މީހުންގެ އިތުރުން ދައުލަތުގެ ފަރާތުން މިއަދު ވަނީ ހުލާސާ ބަޔާން ހުށަހަޅައި ނިންމާލާފަ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ދައުވާ ލިބޭ ހަ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި ދައުވާ ލިބޭ ހަ މީހުން ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ކަން އެނގެން އެބައޮތް ކަމަށެވެ.
ޔާމީން ރަޝީދަށް ހަމަލާދީ މަރައިލަން މި މީހުން ރާވަން ފަށާފައި ވަނީ ޔާމީނަކީ ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ މީހަކަށް ވާތީ ކަމަށް ދައުލަތުގެ ބަޔާނުގައިވެ އެވެ. މަރާލުމުގެ ކުރިން ވެސް ޔާމީނަށް މަރުގެ އިންޒާރުތައް ލިބެމުން ދިޔަ ކަމަށްވެސް ފާހަގަކޮށްފަ އެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިބަހުން ޝައްކެއް ނެތް މިންވަރަށް ހަ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި އެ މީހުންގެ މައްޗަށް އޮތް އަދަބަކީ ގިސޯސް ހިފުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަމުގައި ކަނޑައަޅައިދިނުމަށް ވެސް ދައުލަތުން އެދުނެވެ.
ދައުވާ ލިބޭ މީހުން ދިފާއުގައި ހުލާސާ ބަޔާން އިއްވަމުން ހުރިހާ ދިފާއީ ވަކީލުން ވެސް ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ވީޑިއޯ އެނަލިސިސް ހެދި ފުލުހުންގެ އޮފިސަރުގެ ތައުލީމީ ބެކްގްރައުންޑެއް ނެތް ކަމެވެ. 13 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ނަމަވެސް އެރޮނގުން އެއްވެސް ތައުލީމެއް ލިބިފައި ނުވާއިރު ވީޑިއޯތަކުން ދައުވާ ލިބޭ މީހުން ފާހަގަކޮށްފައިވަނީ ހިތު ލަފަޔަށްކަން ދައުވާ ލިބޭ ދިފްރާންގެ ދިފާއީ ވަކީލް އިސްމާއިލް ވިޝާމް ވަނީ ވިދާޅުވެފަ އެވެ.
ހުލާސާ ބަޔާން އިއްވަމުން ދިފާއީ ވަކީލުން ދެން ފާހަގަކުރި އަނެއް ކަމަކީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އެއް ސިއްރު ހެއްކަކީ މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއް ކަމަށްވާއިރު އޭނާގެ މައްޗަށް ދައުވާ ނުކޮށް ހެކިބަސް ނަގައިފައިވާ ކަމުގެ މައްސަލަ އެވެ.
ދައުލަތުގެ ފަރާތުން، މައްސަލައިގައި ޝާމިލްވާ މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު އެ މޭރުމުން ވަކާލާތު ކުރާނަމަ ސިއްރު ހެކިވެރިޔާ އަކީ ވެސް ގާތިލަކަށް ވާނެ ކަމަށާއި އެހެންވެ ގާތިލުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ދައުވާ ލިބޭ މީހެއްގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ސިއްރު ހެކިންގެ ބަޔާން ލީކު ކުރުމުގެ ތުހުމަތު
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ސިއްރު ހެކިންތަކެއްގެ ބަޔާން ލީކުވި މައްސަލައެއް ފެންމަތިވެފައިވާއިރު މިއަދު ވެސް ދައުލަތުގެ ވަކީލު ވަނީ އެކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ސިއްރު ހެކިން ސޮއިކޮށްފައިވާ ބަޔާންތަކެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ކަމަށެވެ. އެ ބަޔާންތަކަކީ ހަމައެކަނި އިސްމާއީލް ރަޝީދާއި، ހުސައިން ޒިޔާދު އަދި އިސްމާއީލް ހައިޝަމްގެ ދިފާއީ ވަކީލުންނަށް ދޫކުރި ބަޔާންތަކެއް ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ. އަދި އެ ބަޔާންތައް ނުލިބިގެން ކޯޓުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އިސްމާއީލް ރަޝީދުގެ ދިފާއީ ވަކީލު އަދި ބާ އެސޯސިއޭޝަންގެ ރައީސް މައުމޫން ހަމީދު ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ދިފާއީ ވަކީލުން ވަނީ ވަރަށް ބޮޑަށް ދައުލަތަށް ފާޑުވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ތުހުމަތުތައް ދިފާއީ ވަކީލުން ވަނީ ދޮގުކުރައްވާފަ އެވެ. ހުލާސާ ބަޔާން އިއްވާ މަރުހަލާގައި ދައުލަތުގެ ފަރާތުން ކުރި ތުހުމަތުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވެސް އިސްމާއީލް ރަޝީދުގެ ދިފާއީ ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.
މި މައްސަލާގައި ހިމެނޭ ދައުލަތުގެ ހެކިންނަށް ބިރު ދައްކައި އިންޒާރު ދެމުން އަންނަ ކަމަށް ދައުލަތުން މީގެ ކުރިން ވެސް ޝަރީއަތުގައި ތަކުރާރުކޮށް ބުނެފައިވެ އެވެ.
ހުލާސާ ބަޔާން އިއްވާ ނިމުމުން ގާޒީ ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް އިއްވާނެ ކަމަށެވެ. އަދި ހުކުމް އިއްވާއިރު މައްސަލައިގައި ހިމެނޭ އެއްވެސް ކަމެއް އިސްތިސްނާ ނުކުރައްވާނެ ކަމަށެވެ.