ހަބަރު

ބާޖަށް ކުނި އުކާލެވޭ ގަޑިތަކެއް ކަނޑައަޅައިފި

މާލޭ ތެރޭގައި ކުނި އުފުލާ ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުފަހަރުން ގެނެވޭ ކުނި އެޅުމަށް ބާޖުން ހިދުމަތްދޭނެ ވަކި ގަޑިތަކެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކަނޑައަޅައިފި އެވެ.

މީގެ ކުރިން އުވާލަން ނިންމާފައިވާ، ވެމްކޯގެ މަސައްކަތްތައް އަލުން ފަށައިގަނެ، މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މިމަހު ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފަ އެވެ.

އެގޮތުން އެކުންފުނިން މިއަދު ނެރިފައިވާ އިއުލާނުގައި ބުނިގޮތުގައި މާލޭގައި ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުފަހަރުގައި ގެނެވޭ ކުނި އެޅުމަށް ބާޖުތައް ބަހައްޓާފައިވާ އެމްޕީއެލް ސަރަހައްދު [މީރުބަހުރު ބަނދަރުން ވަންނަގޮތަށް] 1 ފެބުރުވަރީ 2016 ދުވަހުން ފެށިގެން ހިދުމަތް ދިނުމަށް ވަގުތުތަކެއް ކަނޑައަޅައިފަވާ ކަމަށެވެ.

އެގޮތުން ހަފްތާތެރޭގައި ހެނދުނު 06:00 ފެށިގެން ރޭގަނޑު 01:00 ގެ ނިޔަލަށް ހިދުމަތް އެތަނުން ހިދުމަތް ދެވޭނެ ކަމަށާއި ނަމަވެސް މީގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގެ 12:00 އިން 14:00 އަށް ކުނިއަޅާ ސަރަހައްދު ބަންދުވާނެ ކަމަށެވެ.

މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތާއި ވެމްކޯއިން ހަވާލުވީ ފަހުން އެކުންފުނިން ވަނީ ކުނި ނައްތާލުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރުމަށް މިއަހަރު ތެރޭގައި ވޭސްޓް ކަލެކްޝަން ސާވިސް އެއް ހަދައިނެ ކަމަށް ބުނެފައެވެ.