އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ކާމިޔާބުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވައި އެމްޑީޕީ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.

މި ޕްރައިމަރީ އަކީ ކުރިއަށް އޮތް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީ އެވެ. އަދި މިއީ ރާއްޖޭގެ ތާރީހްގައިވެސް ވެރިކަމުގައި ހުންނެވި ރައީސަކު ޕްރައިމަރީއެއްގައި ވާދަކުރައްވައިގެން ރިޔާސީ ޓިކެޓް ކަށަވަރުކުރެއްވި ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް އެއްމަސް ދުވަހުގެ ޖޯޝުން ފުރިގެންވާ ވަރުގަދަ ކެމްޕޭނަކަށް ފަހު މިއަދު ބޭއްވުނު ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް މިހާތަނަށް ވަނީ 19،096 ވޯޓު ކާމިޔާބުކުރައްވާފަ އެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 61 އިންސައްތަ ވޯޓުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 12،005 ވޯޓެވެ.

ފޯރިގަދަ ކެމްޕޭން ތެރޭގައި އެމަނިކުފާނު ބޭނުންކުރައްވާފައިވާ ކެމްޕޭން ސްލޯގަން އަކީ އެމްޑިޕީ ކުރިއަށް – އިބޫ 2023 އެވެ.

މިކެމްޕޭން ތެރޭގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީއަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރިމަގު އޮތީ ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކާއެކު މަސައްކަތްކުރެވިގެން ކަމަށެވެ. އެގޮތުން މިކެމްޕޭނުގެ ތެރޭގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހައްދަވާނެ ކަމަށާއި އެއީ އެމްޑީޕީގެ ވެރިކަމެއް ދެންވެސް ގާއިމުކުރުމަށް އޮތް "ވިނިން ފޮމިއުލާ" ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައިވެ އެވެ.

ޕްރައިމަރީގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިދައުރުގައި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތު ރައީސް ސޯލިހު ގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައިވި ނަމަވެސް ކޮރަޕްޝަނުގެ މައްސަލަތަކަށް ހައްލު ނުހޯދޭ ކަމަށާއި، ރައްޔިތުންގެ އުދާސްތަކަށް ހައްލު ހޯދައިދެވިފައެއް ނުވެ އެވެ. އަދި ކޯލިޝަން ސަރުކާރަކީ އެމްޑީޕީގެ ފިކުރަށް މަސައްކަތް ކުރުމަށް އޮތް ހުރަހެއް ކަމަށާއި ކޯލިޝަނަކުން ނޫން ގޮތަށް އެމްޑީޕީގެ ވެރިކަމެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.

ގިނަ ގޮންޖެހުންތަކާއެކުވެސް ރައީސް ސޯލިހު އެމްޑީޕީ ޕްރައިމަރީ 2023ގައި މިވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާފަ އެވެ. މިކާމިޔާބާއިއެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ނިކުންނަވާނީ ރައީސް ސޯލިހުކަން މިވަނީ ސާފުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތަކުން ރައީސް ސޯލިހް ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ނަޝީދު ވެސް ވަނީ 64 ޕަސަންޓް ވޯޓުން ޕްރައިމަރީ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.