ފައިސާގެ އަގު ހުންނާނީ ފައިސާ ރަނގަޅަށް ބެލެހެއްޓުމުން ކަމަށް ކުރީގެ ގަވަރުނަރު، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
"ރަންދިހަ ފަހެއް" ސާކިއުލޭޓް ކުރަން ފެށުމާ ގުޅިގެން މަރުކަޒީ ބޭންކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ފައިސާއަކީ ރަނގަޅަށް ބަލަހައްޓަން ޖެހޭ އެއްޗެއް ކަމަށެވެ.
"ވަރަށް ގިނައިން އަޑުއިވޭ ތިޖޫރީ ވަގަށް ގެންދާ ވާހަކަ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ފައިސާއަކީ ރަނގަޅަށް ބަލަހައްޓަން ޖެހޭ އެއްޗެކޭ. ފައިސާއަކީ ވަރަށް އަވަހަށް ގެއްލޭ އެއްޗެއް. އެހެންވެ ފައިސާގެ ރައްކާތެރި ކަމަށް ސަމާލުވާން ޖެހޭ. ވޮލެޓުގައި ފައިސާ ހުއްޓަސް ނޫނީ ބާލިސް ދަށުގައި ފައިސާ ހުއްޓަސް،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ ރައްކާކުރަން ޖެހޭނީ ވަކި އެއްޗެއްގެ ތެރޭގައި ކަމަށެވެ.
"ފައިސާ ހަލާކުވެއްޖެނަމަ ގަބޫލެއް ނުކުރާނެ. އެހެންވެއްޖެނަމަ އާމްދަނީން އުނިވީއެ. އެހެންވެ ފައިސާ ހަލާކުނުވެ ބެލެހެއްޓުން މުހިންމު. ބައެއް ފަހަރު ފެނޭ ނޫޓު ތެމްނާލައިގެން އުޅޭތަން،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޮލިމާ ކަރުދާހުގައި މިފަހަރު ނެރުނު "ރަންދިހަ ފަހެއް" ގެ ނޫޓް ސީރީޒްއަކީ ފެމުނަށް ހަލާކުވުން ކުޑަ އެއްޗެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ނޫޓުތައް ތެމުނަސް ވަރަށް ބޮޑަށް އެ މައްސަލަ ކުޑަވާނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިވަން 50 އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.