ވިޔަފާރި

ދިވެހި ރުފިޔާގެ ނިޝާން ފަރުމާ ކުރަން ހުޅުވާލައިފި

Jan 24, 2021

ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމުގެ ފުރުސަތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.

ރުފިޔާގެ ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުން ކުރާ ނިޝާނެކެވެ.

މަރުކަޒީ ބޭންކް އިން ނިޝާން ތައާރަފު ކުރަން ނިންމާފައިވަނީ މުބާރާތެއް ބާއްވައި އެންމެ ރަނގަޅު ނިޝާނެއް ހޮވައިގެންނެވެ. މި މުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000ރ.ގެ އިނާމެއް ވެސް ލިބޭނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 21 އެވެ.

އެމްއެމްއޭ އިން ބުނީ މި ފުރުސަތު ލިބޭނީ ހަމައެކަނި ދިވެހި ފަރުމާ ކުރުންތެރިންނަށް ކަމަށެވެ. މި މުބާރާތުގެ އިތުރު މައުލޫމާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކް އިން ބައިވެރިވެވޭނެ އެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އާ ނޫޓުތައް ނެރެދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ. ޒަމާނީ ކަރުދާހުގައި ސެކިއުރިޓީއާ ފީޗާތައް ހިމަނައިގެން ތައާރަފު ކުރި ނޫޓުތަައް ނެރެފައިވަނީ ރާއްޖޭގެ މިނިވަން ކަމަށް ބައި ގަރުނު ނެރުމުގެ މުނާސަބަތާ ވެސް ގުޅުވާލައިގެންނެވެ. މި ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ.