ރަންދިހަފަހެއް

ބާ ނޫޓުގެ ފަސް ޕަސެންޓް އަދިވެސް ބަދަލު ނުކޮށް

Jul 13, 2021
1

"ރަންދިހަ ފަހެއް" ނޫޓު ސީރީޒްގެ ކުރިން ބޭނުން ކުރަމުން އައި ނޫޓޫގެ ފަސް ޕަސެންޓް އަދިވެސް ބަދަލު ނުހޯދާ އެބަހުރި ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭ އިން ވަނީ ކުރީގެ ބާ ނޫޓު އެމްއެމްއޭ އަށް ގެންގޮސް މިހާރުގެ ނޫޓަށް ބަދަލު ކުރަން އެންމެ ފަހުގެ ފުރުސަތެއްގެ ގޮތުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހަމަޖައްސާފަ އެވެ. އޭގެ ފަހުން އެ ނޫޓުތައް އެމްއެމްއޭ އިން ބަދަލު ކޮށެއް ނުދޭނެ އެވެ. ނަމަވެސް މިހާރު އެ އޮތޯރިޓީ އަށް ގެންގޮސްފިނަމަ "ރަންދިހަފަހެއް" ގެ އާ ނޫޓަށް ބަަދަލު ކޮށްދޭނެ އެވެ.

އެމްއެމްއޭ އިން ބުނީ ރަން ދިހަފަހެއް ނޫޓު ސީރީޒް ދައުރުކުރުމަށް ނެރުނު އިރު ދައުރުވަމުން ދިޔަ 2.9 ބިލިއަން ރުފިޔާގެ ތެރެއިން 95 ޕަސެންޓް މިހާތަނަށް ބަދަލު ހޯދަން އެމްއެމްއޭ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމަހުގެ 31 ގެ ކުރިން، ރަސްމީކޮށް އެމްއެމްއޭ ހުޅުވާފައިހުންނަ ހުރިހާ ދުވަހެއްގައި ވެސް ބޭންކިން ހިދުމަތްދޭ ގަޑިތަކުގައި އެމްއެމްއޭ އަށް ދިއުމުން ނޫޓުތައް ބަދަލު ކުރެވޭނެ އެވެ. މި ނޫޓުތަކަށް ބަދަލު ލިބޭނީ ހަމައެކަނި އެމްއެމްއޭ އިންނެވެ.

ލީގަލް ޓެންޑަ ނޫންކަމުގައި ކަނޑައަޅާ ނޫޓަށް ބަދަލު ހޯދުމުގެ ފުރުސަތު ދެނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

މި ގޮތުން "ރަން ދިހަފަހެއް" ގެ ނޫޓު ސީރީޒް ބޭނުން ކުރަން ފެށުމަށްފަހު 31 ޖުލައި 2016 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ހުށަހެޅި 2، 10، 20، 50، 100 އަދި 500 ރުފިޔާގެ ކަރުދާސް ނޫޓުތައް ވަނީ ރަން ދިހަފަހެއް ނޫޓަށް ބަދަލުކޮށްދީފަ އެވެ. އަދި ރަން ދިހަފަހެއް ނޫޓު ސީރީޒް ގެ 5 ރުފިޔާ ދައުރު ކުރުމަށް ނެރުމަށް ފަހު 31 ޑިސެންބަރު 2017 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ހުށަހެޅި 5 ރުފިޔާގެ ކަރުދާސް ނޫޓުތައްވެ ސް ވަނީ "ރަން ދިހަފަހެއް" ނޫޓަށް ބަދަލުކޮށްދީފަ އެވެ.

އެމްއެމްއޭ އިން ވަނީ މި ނޫޓުތައް ނެގުމުގެ ގޮތުން ހިންގާ "ބަދަލު ކުރަމާ" ކެމްޕޭނުން ނަގަނީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރުން، 1، އޮގަސްޓު 2016 އިން ފެށިގެން ލީގަލްޓެންޑާއެއް ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 2ރ، އާއި 10ރ. އަދި 20ރ.ގެ އިތުރުން 50ރ. އާއި 100ރ. އަދި 500 ރުފިޔާގެ ކަރުދާސް ނޫޓުތަކެވެ. މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ނަންބަރު 2017/7 (27 ޑިސެންބަރު 2017) އިން 1، ޖަނަވަރީ 2018 އިން ފެށިގެން ލީގަލްޓެންޑައެއް ނޫންކަމަށް ކަނޑައަޅުއްވާފައިވާ 5 ރުފިޔާގެ ކަރުދާސް ނޫޓު ތަކަށެވެ.

މި ނޫޓު ގައިވާ ތާރީހުން ބަލާނަމަ މިއީ 1983 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 2، 5، 10، 20، 50، އަދި 100 ރުފިޔާގެ ނޫޓުތަކާއި 2006 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 500 ރުފިޔާގެ ނޫޓު ތަކެވެ.

ބައެއް 500ރ. ގެ ނޫޓަށް ބަދަލު ނުލިބޭނެ!

ކަރުދާސް ނޫޓުތަކުގެ ތެރެއިން 1990 އަދި 1996 ގެ ތާރީހުގެ ނޫޓުތަކަކީ 2007 ވަނަ އަހަރު ލީގަލް ޓެންޑާއެއް ނޫން ކަމުގައި ކަނޑައަޅައި 2008 ވަނަ އަހަރުގެ ނިޔަލަށް ބަދަލު ހޯދުމުގެ މުއްދަތު ހަމަވެފައިވާ ނޫޓުތަކެކެވެ. މި ނޫޓުތަކަކީ "ރަން ދިހަފަހެއް" ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުން ކުރަމުން އައި ނޫޓުތަކެއް ނޫނެވެ. އެހެންކަމުން، 31 ޖުލައި 2021 ނިޔަލަށް އޮތް މި މުއްދަތުގައި ބަދަލު ލިބޭނީ ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުންކުރަމުން އައި 500 ރުފިޔާގެ ކަރުދާސް ނޫޓުތަކަށެވެ. އެއީ 2006 އަދި 2008 ގެ ތާރީޚުތަކުގައިވާ 500 ރުފިޔާގެ ކަރުދާސް ނޫޓުތަކެވެ.