ރާއްޖޭގެ އިގްތިސޯދުގައި ދައުރުވާ ފައިސާ މިދިޔަ އަހަރު 10 ޕަސެންޓް އިތުރުވި ކަމަށް ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި ބޭނުންކުރާ ރަންދިހަ ފަހެއްގެ ނޫޓުގެ 3.9 ބިލިއަން ރުފިޔާ އިގްތިސޯދުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުރުވަމުން ދިޔަ އެވެ. ފައިސާ ދައުރުވާ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު ވަނީ 10 ޕަސެންޓު އިތުރު ވެފަ އެވެ.
މިދިޔަ އަހަރު އިގްތިސޯދުގައި ދިވެހި ފައިސާ އިތުރުވުމުގެ މައިގަނޑު އެއް ސަބަބެއް ކަމަަށް އިގްތިސޯދީ މާހިރުން ދެކިވަޑައިގަންނަވަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދައުލަތުގެ ހަރަދު ފޫބައްދަން ނެގި އޯވަޑްރޯ ފެސިލިޓީ ނުވަތަ ފައިސާ ޗާޕު ކުރުމެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ފެސިލިޓީއެއް ނަގައި މި ދައްކަން ޖެހޭ މުއްދަތު ދެވަނަ ފަހަރަށް އިތުރު ވެސް ކޮށްފަ އެވެ.
މި މައްސަލާގައި އެމްއެމްއޭ އިން މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެފައިވާ ގޮތުގައި އިގްތިސޯދުގައި އޯވަޑްރޯގެ ސަބަބުން އިތުރުވި ފައިސާގެ ބޮޑު ބައި އެމްއެމްއޭ އިން އެކި ފައިނޭންޝަލް އިންޓްރޫމަންޓްތައް ބޭނުން ކޮށްގެން މިހާރު ވާނީ ނަގާފަ އެވެ.
އެންމެ ގިނައީ 500 ރުފިޔާ
އިގްތިސޯދުގައި ދައުރުވާ ނޫޓުގެ ތެރޭގައި އެންމެ ގިނައީ 500ރ. ގެ ނޫޓެވެ. ޖުމްލަ ފައިސާގެ 85 ޕަސެންޓު 500ރ. ހިއްސާ ކުރެ އެވެ. ދެން ސާކިއުލޭޝަންގައި އެންމެ ގިނައީ 100ރ. ގެ ނޫޓާއި 1،00ރ. ގެ ނޫޓުގެ އިތުރުން 50ރ. އާއި 20ރ. އެވެ. އަދި ރަންދިހަ ފަހެއްގެ ނޫޓުގެ ތެރެއިން ސާކިއުލޭޝަންގައި އެންމެ މަދީ 10ރ. އާއި ފަސް ރުފިޔާގެ ނޫޓެވެ.
ދިވެހި ފައިސާގައި ހިމެނޭ ވަކި ލާރީގެ 76.3 މިލިއަން ރުފިޔާ ސާކިއުލޭޝަންގައި ދައުރުވަމުން ދެ އެވެ. ސާކިއުލޭޝަންގައި ހުރި ވަކި ލާރީގެ އަދަދު ވަނީ 2019 ވަނަ އަހަރާ އަޅާބަލާއިރު އެއް ޕަސެންޓު އިތުރުވެފަ އެވެ.
އިގްތިސޯދުގައި ރުފިޔާ އިތުރުވުމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު ބޮޑު ވެގެން ދިޔަ އެވެ. ނޭޝަނަލް ސްޓެޓިސްޓިކް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ގިނަ ބާވަތްތަކުގެ އަގުތައް ބޮޑުވި އެވެ. ނަމަވެސް މިހާރު ނިސްބަތުން އަގުތައް ދަނީ ދަށްވަމުންނެވެ.