މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 766 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އޮފިޝަލް ރިޒާވް 700 މިލިއަން ޑޮލަރަށް ތިރިވެފައި ހުންނަތާ މިވަނީ ތިން މަސް ވެފަ އެވެ.
މި އަހަރު ފެށުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 753 މިލިއަން ޑޮލަރެވެ. އަދި މިހާރު މި އަދަދު ވަނީ 766 މިލިއަން ޑޮލަރަށް ބަދަލުވެފަ އެވެ. ރާއްޖޭގެ ޖުމްލަ ރިޒާވް ދަށްވެފައިވަނީ އިންޑިއާއިން ނަގާފައިވާ ކަރަންސީ ސްވޮޕްއެއް އަނބުރާ ދައްކާފައިވާތީ އެވެ.
އިންޑިއާ އިން ރާއްޖެ އަށް 250 މިލިއަން ޑޮލަރު -- 3.8 ބިލިއަން ރުފިޔާގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައިވަނީ 2020ގެ ޑިސެމްބަރު މަހު އެވެ.
މި ސޮވްޕުގެ މުއްދަތު މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ހަ މަސް ދުވަހަށް އިތުރުކޮށް ދީފަ އެވެ. މި ކަރެންސީ ސްވޮޕް ފެސިލިޓީ ނަގާފައިވަނީ އެ ނަގާ އަދަދަކާ އެއްވަރުގެ ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ. އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ދަށުން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހެދޭފަދަ އެއްބަސްވުމެއް ގާއިމްކޮށްފައިވެ އެވެ.
ރާއްޖޭގެ ޖުމްލަ ރިޒާވް އަވަސް އަވަހަށް ބަދަލުވެ އެވެ. ޑޮލަރުގެ މި ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލިއްޔާއަށް ޖަމާވުމެވެ.
ރާއްޖޭގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ މައުލޫމާތު ކުރިން އެމްއެމްއޭއިން އާއްމު ކުރެ އެވެ. ނަމަވެސް މި ރިޒާވްގެ ހިސާބުތައް މިހާރު އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ.
މި ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ އެއް މަހާއި ދެ މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ޑޮލަރު ގަނެވޭނެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ވަރެވެ.