ރިޒާވް

ނޮވެމްބަރު ނިމުނުއިރު ރިޒާވްގައި ހުރީ 943.8 މިލިއަން ޑޮލަރު

Jan 3, 2022

މި އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 943.8 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ ރިޒާވް ބަލަހައްޓަމުން ގެންދާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިިދިޔަ މަހުގެ 26ގެ ނިޔަލަށް އާއްމު ކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ރިޒާވްއަކީ 943.8 މިލިއަން ޑޮލަރެވެ. ނަމަވެސް މިއީ 2020 ވަނަ އަހަރު ރިޒާވްގައި ހުރި 629.9 މިލިއަން ޑޮލަރާ އަޅާ ބަލާނަމަ ބޮޑު އިތުރުވުމެކެވެ.

މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި 947.6 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންވެ މިހާރު ރިޒާވްގައި ހުރި އަދަދަކީ އޮކްޓޫބަރު މަހާ އަޅާ ބަލާނަމަ ދަށްވުމެކެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް އަވަސް އަވަހަށް ބަދަލުވެ އެވެ. ޑޮލަރުގެ މި ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލިއްޔާއަށް ޖަމާވުމެވެ.

ރާއްޖޭގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ މައުލޫމާތު ކުރިން އެމްއެމްއޭއިން އާއްމު ކުރެ އެވެ. ނަމަވެސް މި ރިޒާވްގެ ހިސާބުތައް މިހާރު އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ.

މި ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ އެއް މަހާއި ދެ މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ޑޮލަރު ގަނެވޭނެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ވަރެވެ.