ރިޒާވް

މެއިގެ ނިޔަލަށް ރިޒާވުގައި 926.1 މިލިއަން ޑޮލަރަށް

ރާއްޖޭގެ، ގްރޮސް އިންޓަނޭޝަނަލް ރިޒާވް ނުވަތަ "އޮފިޝަލް ރިޒާވް" މި އަހަރުގެ މެއި މަސް ނިމުނުއިރު 926.1 މިލިއަން ޑޮލަރު (14 ބިލިއަން ރުފިޔާ) އަށް އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޖޫން މަހު ނެރުނު "އިކޮނޮމިކް އަޕްޑޭޓް" ގައިވާ ގޮތުން އެޕްރީލް މަސް ނިމުނުއިރު ރިޒާވްގައި 878.0 މިލިއަން ޑޮލަރު ހުރި ނަމަވެސް މެއި މަސް ނިމުނުއިރު މި އަދަދު ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އެޕްރީލް މަހާ އަޅާބަލާނަމަ ގާތްގަނޑަކަށް 11 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޖުމްލަ ރިޒާވް މި އަދަދަށް މަތިވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ރާއްޖޭގެ ޖުމްލަ ރިޒާވް ދިހަ އަހަރުތެރޭ އެންމެ މަތިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 984.93 މިލިއަން ޑޮލަރަށެވެ. މިމަތިވުން އައިސްފައިވަނީ އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ކަރްންސީ ސްވޮޕްގެ ސަބަބުންނެވެ. ނަމަވެސް އޭގެ ފަހުން ޖުމްލަ ރިޒާވް އެވްރެޖު ގޮތެއްގައި ހުންނަނީ 800 މިލިއަން ޑޮލަރަށްވުރެ ދަށުގަ އެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ މައި މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 837 މިލިއަން ޑޮލަރު ކަމަށެވެ.

ޖުމްލަ ރިޒާވްމަތިވި ނަމަވެސް ރާއްޖެއަށް ބޭނުން ކުރެވޭ ގޮތަށް އޮންނަނި "ޔޫޒަބަލް ރިޒާވް" އެވެ. މި ރިޒާވްގައި ކޮވިޑުގެ ކުރިން އެވްރެޖުކޮށް ހުންނަނީ 200 މިލިއަން ޑޮލަރު ނުވަތަ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ އެވެ. ނަމަވެސް ކޮވިޑުގެ ބަލި މަޑުކަމާއެކު ބޭރު ފައިސާގެ ތާށިކައުން އައުމުގެ ސަބަބުން މި އަދަދު 120 މިލިއަން ޑޮލަރަށް ވެއްޓުނެވެ. ނަމަވެސް އެމްއެމްއޭ އިން މިހާރު ވަނީ ޔޫޒަބަލް ރިޒާވުގެ ނަމްބަރު ހާމަ ކުރުން ހުއްޓާލާފަ އެވެ.