ރިޒާވް

ފުރަތަމަ ތިންމަހު ޖުމްލަ ރިޒާވަށް 14 ޕަސެންޓުގެ ކުރިއެރުން

May 30, 2021

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ރާއްޖޭގެ ޖުމްލަ ރިޒާވަށް 14 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ބްލެޓިންގައިވާ ގޮތުން ފުރަތަމަ ކްއާޓަރު ނުވަތަ މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި ކްއާޓަރުގައި ރާއްޖޭގެ ރިޒާވްގައި ހުރީ 741.4 މިލިއަން ޑޮލަރު އެވެ. މިއީ 14 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިދިޔަ މަހު ކްއާޓަރުގައި ރާއްޖޭގެ ރިޒާވް އިތުރުވީ ނަމަވެސް ހަތަރު ވަނަ ކްއާޓަރާ އަޅާބަލާއިރު ވަނީ 14 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރާ ހަމައަށް ރާއްޖޭގެ ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. މި މުއްދަތާ އަޅާ ބަލާއިރު ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގައި އިންޑިއާގެ ސެންޓްރަލް ބޭންކް މެދުވެރިކޮށް ރާއްޖެއަށް ކުރި 400 މިލިއަން ޑޮލަރުގެ ޑޮލަރުގެ ސްވޮޕްގެ ފައިސާ -- އިންޑިއާއިން ނެގި ލޯނެއް -- ދައްކަން ފަަށާފައި ވުމެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 173 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ އެއް މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ އެވެ.