މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވަށް 17.2 މިލިއަން ޑޮލަރުގެ އިތުރުވުމެއް އަތުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި ގޮސްޓް މަހުގެ ނިޔަލަށް ރިޒާވްއަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.
އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައިހުރީ 874.3 މިލިއަން ޑޮލަރެވެ. ނަމަވެސް ޖުލައި މަސް ނިމުނުއިރު ރިޒާވްގައި 857.1 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 569.8 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެވެ. މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް 500 މިލިއަން ޑޮލަރަށް ވެއްޓުނީ ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ދަށްވެގެން ދިއުމާއެކުގަ އެވެ.
ރާއްޖޭގެ ޑޮލަރުގެ ރިޒާވްގައި ހުރި ފައިސާ އާއްމުކޮށް ބޭނުން ކުރަނީ ރާއްޖެއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރުމަށެވެ. އެމްއެމްއޭއިން ކުރިން ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްއަށް އަންނަ ބަދަލުވެސް އާއްމު ކުރަމުން ގެންދިޔަ އެވެ. ނަމަވެސް މިހާރު އެ އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ. ރާއްޖޭގެ ރިޒާވަށް މިހާރު ކުރިއެރުން ލިބެމުންދާ އެއް ސަބަބަކީ ކޮވިޑް-19 އަށްފަހު ޓޫރިޒަމް ރަނގަޅުވަމުން ދިއުމާއި ދައުލަތުން އެކި ގޮތްގޮތުން ބޭރުން ލޯނު އަދި އެހެނިހެން އެހީގެ ގޮތުގައި ލިބޭ ފައިސާ ޖަމާވަމުން ދިއުމެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކްއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވް 912.4 މިލިއަން ޑޮލަރު (14 ބިލިއަން ރުފިޔާ) ހުއްޓެވެ. ދެވަނަ ކުއާޓަރުގައި ޖުމްލަ ރިޒާވް 912.4 މިލިއަން ޑޮލަރަށް އުފުލުނެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ކިޔާނަމަ 30 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވްގެ އިތުރުވުން އުޅެނީ އަށް ޕަސެންޓުގަ އެވެ.