ވިޔަފާރި

ކުރީގެ ރުފިޔާއިން 46,976 ނޫޓު ނައްތާލައިފި

May 3, 2020
1

ކުރިން ބޭނުން ކުރަމުން ގެންދިޔަ 46,976 ނޫޓެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނައްތާލައިފި އެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން، 46,976 ނޫޓު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ އެމްއެމްއޭ އާއި އޮޑިޓަ ޖެނެރަލް އޮފީހުގެ އޮފިޝަލުންގެ ހާޒިރުގަ އެވެ. މި ގޮތުން ނައްތާލި ނޫޓުތަކުގެ އަގު 3.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ރާއްޖޭގައި 1983 ވަނަ އަހަރުން ފެށިގެން ތައާރަފު ކޮށްފައިވާ ބާ ނޫޓުތަކުގެ ބަދަލުގައި ޒަމާނަށް ފެތޭ، ނާ ނޫޓު ސީރީޒެއް ތައާރަފު ކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އާ ނޫޓު ސީރީޒް ވެސް ޗާޕު ކޮށްފައި ވަނީ ދިވެހި ރުފިޔާގެ ނޫޓުތައް 1947 ވަނަ އަހަރުން ފެށިގެން ޕްރިންޓް ކުރާ އިނގިރޭސިވިލާތުގެ ޑިލާރޫ ގަ އެވެ.

މި ނޫޓުތައް ތައާރަފުކޮށްފައިވަނީ މިނިވަން 50 އާ ގުޅުވައިގެންނެވެ. "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ 10، 20، 50، 100 500 އަދި އަލަށް ތައާރަފު ކުރި 1000 ރުފިޔާގެ ނޫޓެވެ.