މޯލްޑިވްސް ނޭޝަނަލް ޕާޓީ

ތިލަފުށިން ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައިފި

Feb 5, 2023
3

ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކަން ހުޅުވާލުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތިލަފުށި ހިންގުމާ ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.

އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ވެސް ބީލަން ހުށަހެޅެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރެވެ އެވެ.

ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

އެޗްޑީސީގެ ނިންމުމާ ގުޅިގެން އެމްއެންޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ އަކީ ރާއްޖޭގެ ސިނާއީ މަރުކަޒު ކަމުގައިވާއިރު، ތިލަފުއްޓަކީ މާލޭގެ ސިނާއީ ތަރައްގީގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

މީގެ އިތުރުން މާލޭގެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށްވާއިރު މާލޭގެ ސަރަހައްދުން ހާއްސަ ގޮތެއްގައި މާލޭގެ ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަޙައްދަކުން، ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ވިއްކަން ހުޅުވާލުމަކީ ކަންބޮޑުވާ މައްސަލައެއް ކަން ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރު މީހުންނާ ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއް ކަމަށެވެ. އަދި ކޮވިޑްގެ ގެއްލުން ތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުސޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ބޭރު މީހުންނަށް ބިން ވިއްކުމަކީ ދިވެހި އިގްތިސާދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުންވާނޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އެމްއެންޕީ އިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެ ފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

"އެހެންކަމުން ތިލަފުށީގެ ސިނާއީ ސަރަހައްދުން ބޭރުމީހުންނަށް ބިން ވިއްކުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރެއްވުމަށް ދިވެހި ސަރުކާރަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ގޮވާލަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.