ތިލަފުށި

ތިލަފުށިން ވިޔަފާރި ބޭނުމަށް ބިން ވިއްކަން ހުޅުވާލައިފި

ތިލަފުށިން ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ވިޔަފާރީގެ އެކި ބޭނުންތަކަށް ތިލަފުށިން ޖުމްލަ 108 ބިން ވިއްކުމަށް އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީން ބުނީ އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލް ގައި ރަޖިސްޓްރީވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

ތިލަފުށިން ވިއްކާ ބިންތަކުގެ ސައިޒާއި އަދަދު

  • 2،500 - 4،999 އަކަފޫޓުގެ 64 ޕްލޮޓް
  • 5،000 - 9،999 އަކަފޫޓުގެ 42 ޕްލޮޓް
  • 10،000 - 14،999 އަކަފޫޓުގެ 2 ޕްލޮޓް

އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއެކު މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެ އާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް ހިންގޭ މުހިއްމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް ރައްޔިތުންނަށް ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.