ތިލަފުށި

ތިލަފުށިން ބިން ވިއްކާ އުސޫލަށް ބަދަލުގެނެސްފި

ތިލަފުށީގެ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވާ ބިންތަކަށް ކޮންމެ ފަރާތަކަށްވެސް އެއް ބީލަން ހުށަހެޅޭ ގޮތަށް ކުރިން އޮތް އުސޫލަށް ބަދަލު ގެނެސްފި އެވެ.

އުސޫލު ކުރިން އޮތް ގޮތުން މީހަކަށް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ނަމަވެސް އުސޫލަށް މިހާރު ގެނެސްފައިވާ ބަދަލާއެކު ކޮންމެ މީހަކަށްވެސް އެއްބީލަމަށް ވުރެ ގިނަ ބީލަން ހުށަހެޅޭނެ އެވެ.

އެޗްޑީސީ އިން ބުނީ ހުށައަޅާ ކޮންމެ ބީލަމެއްގެ އަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15 ރުފިޔާ ބޮޑު އަދަދެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބީލަމުގެ އަދަދު ޖެހުމަށް ހާއްސަ ކުރެވިފައިވާ ގޮޅީގެ ބޭނުން ކޮށްގެން އެ ވަގުތެއްގައި އެންމެ މަތިން ހުށައަޅަފައިވާ އަގަށް 15 ރުފިޔާ އަށް ވުރެ މަތިން އެފަރާތްތަކުން އިހުތިޔާރުކުރާ ކޮންމެ އަދަދެއް އިތުރު ކޮށްގެން ބީލަން ހުށައެޅޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ބިންތަކުގެ ތެރެއިން ސިނާއީ ސަރަހައްދުން ވިޔަފާރި އުސޫލުން ތިން ސައިޒުގެ 108 ބިމެއް ވިއްކަން ހަމަޖެހިފައިވެ އެވެ.

އެޗްޑީސީ އިން ބުނީ އެއްފަރާތަށްވުރެ ގިނަ ފަރާތުން އެއް ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ އެ ބިމެއް ވިއްކާނީ ބީލަމުގެ އުސޫލުން ކަމަށެވެ. އަދި ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 1،700 ރުފިޔާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އިގުތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރާ ތިލަފުށީ ދެވަނަ ފިޔަވަހި ހިއްކާ ނިމުނީ މިއަހަރުގެ ފެބުރުއަރީ މަހު އެވެ.