މާލެ އާއި ޖެހިގެން އޮންނަ ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ކ. މާގިރިފަޅަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލު ގެނެސް ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ތިލަފުށްޓަށް ބަދަލުކުރަން ނިންމައިފި އެވެ.
ފުނަދޫގައި އެސްޓީއޯ އިން ހިންގަމުން ދިޔަ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިއަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ނިންމުން ފަހުން ބަދަލުކޮށްފައި މިވަނީ ފިއުލް ފާމް ބަދަލުކުރުމަށް މާގިރިފަޅު ހިއްކުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު އެވެ.
މި އެސެސްމަންޓް ހެދުމުން މާގިރިފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ފުން ސަރަހައްދަކަށްވެފައި އެ ތަން ހިއްކައިފިނަމަ އެ ސަރަަހައްދުގެ ތިމާވެށްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން އެނގިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އެހެންވެ އެކަމަށް ބަލާފައި އަޅުގަނޑުމެން މިހާރު މިވަނީ މިމަޝްރޫއު ތިލަފުށްޓަށް ބަދަލުކުރަން ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުނަދޫ ފިއުލް ފާމް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި އެޗްޑީސީއާއި އެސްޓީއޯ އިން ވާހަކަދައްކައިގެން ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުނަދޫ ހުސްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުގެ ތެރެއިން ފުނަދޫގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހިމެނޭހެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްގީކުރުމަށެވެ. މި މަޝްރޫއުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވެސް ސަރުކާރުން ނިންމާފައިވެ އެވެ.
ފުނަދޫގައި އެސްއީޒެޑް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ -- އިފްޒާ އާއެކު ދިވެހި ސަރުކާރުން ވަނީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެމްއޯޔޫއެއްގައި ސޮއިވެސް ކޮށްފަ އެވެ.