ޕީސީބީ

ސަރުކާރު ކުންފުނިތަކުގެ އާމްދަނީ އިތުރުވިޔަސް ގެއްލުން މާބޮޑު

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް އެ ކުއާޓަރުގެ ޖުމްލަ ގެއްލުން 2023ގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ބޮޑުވެއްޖެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން ސަރުކާރު ހިއްސާވާ 31 ކުންފުންޏަށް އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 13.27 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަދަދު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރީ 11.58 ބިލިއަން ރުފިޔާގަ އެވެ.

ސަރުކާރު ހިއްސާވާ 31 ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ އިން އެ ކުންފުނިތަކުގެ ހަރަދާއި ނުލިބިހުރި ފައިސާ ކެނޑުމުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ ގެއްލުން 2.27 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ޕީސީބީ އިން އާންމުކޮށްފައިވާ 2023 ގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން ހަރަދަށް ކެނޑުމަށްފަހު އެ ކުއާޓަރުގައި 1.6 ބިލިއަން ރުފިޔާ ވަނީ ފައިދާވެފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ 30 ޕަސެންޓެވެ.

ޕީސީބީ އިން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރަނީ އެޗްޑީސީ އިންނެވެ.

އެޗްޑީސީއަށް އެ ކުއާޓަރުގައި 3.23 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނުއިރު މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޔޮޓް މެރީނާ އެޅުން ހިސާބުތަކުން އުނިކުރުމެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުމަށް ސަރުކާރުން ނިންމުމާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޔުޓިލިޓީ ނެޓްވޯކް ގާއިމުކުރަން ސްޓެލްކޯ އިން ލިބެންޖެހޭ ފައިސާ ނުލިބިހުރިކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ޕީސީބީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު ވަނީ 34،369 އަށް އަރާފަ އެވެ. 2022 ނިމުނުއިރު މި އަދަދު ހުރީ 30،886 ގަ އެވެ.