ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 10.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑް [ޕީސީބީ] އިން ނެރެފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން އެ އަދަދަކީ 2021 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާނަމަ 54 އިންސައްތަ އިތުރުވުމެކެވެ.
މާލީ ރިޕޯޓްގައިވާ ގޮތުން އެ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް 1.94 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބެ އެވެ.
ޕީސީބީ އިން ހާމަކޮށްފައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެސްޓީއޯ އަށެވެ. އެ ކުންފުންޏަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށެވެ. އެގޮތުން އެ ކުންފުންޏަށް 1.69 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެޗްޑީސީއަށް 417 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ބައެއް ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަށަށް ގޮސްފަ އެވެ. އަދި ބައެއް ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީއެއް ލިބިފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.