އެސްޓީއޯ

އެސްޓީއޯ އަށް ހަތް އަހަރުތެރޭ އަހަރުގެ ކުރީކޮޅު ރެކޯޑު ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރު- ފުރަތަމަ ތިން މަހު- އެސްޓީއޯ އަށް ބޮޑު ސާފު ފައިދާއެއް ހޯދާފައިވާއިރު މިއީ ވޭތުވެދިޔަ ހަތް އަހަރުތެރޭ އަހަރެއްގެ ކުރީކޮޅުގެ ފައިދާގެ ގޮތުގައި މިވަރުގެ އަދަދެއް އެ ކުންފުނިން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖެ އަށް ތެލާއި ބޭސް އަދި ކާޑު އެތެރެކުރާ، އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހާ އަޅާކިޔާނަމަވެސް ވެސް ރެކޯޑެކެވެ. އަދި މިއީ މި ފަހުން އަހަރެއްގެ ކުރީކޮޅު މިވަރުގެ ބޮޑު ފައިދާއެއް ނެރުނު ފުރަތަމަ ފަހަރެވެ.

އެ ކުންފުންޏަށް އެންމެ ފަހުން މި އަދަދާ ގާތް ކުރާ ވަރުގެ ސާފު ފައިދާއެއް ނެރެވިފައިވަނީ 2015 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު އެވެ. އެ ފަހަރު ފައިދާގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މާލީ ރިޕޯޓް ދައްކާ ނިމިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއަކީ މިއީ މިދިޔަ އަހަރާއެކު ވޭތުވެދިޔަ ފަސް ކުއާޓަރަށް ބެލިނަމަވެސް މިހާތަނަށް ހޯދި އެންމެ ބޮޑު ކުރިއެރުމެވެ.

ވޭތުވެދިޔަ ފަސް ކުއާޓަރުގެ ފައިދާ

2021، ފުރަތަމަ ކުއާޓަރު: 108 މިލިއަން
2021، ދެވަނަ ކުއާޓަރު: 110 މިލިއަން
2021، ތިން ވަނަ ކުއާޓަރު: 128 މިލިއަން
2021، ހަތަރު ވަނަ ކުއާޓަރު: 131 މިލިއަން
2020، ފުރަތަމަ ކުއާޓަރު : 150 މިލިއަން

ފަސް ކުއާޓަރުގެ ބޮޑު އާމްދަނީ

އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި ވަނީ އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ ފަސް ކުއާޓަރާ އަޅާ ކިޔާނަމަ ވެސް މި ވަރަށް އާމްދަނީ އިތުރުވި ފުރަތަމަ ފަހަރެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.2 ބިލިއަން ރުފިޔާ އެވެެ. އެހެންވެ މިދިޔަ ކުއާޓަރުގައި ލިބުނު ހަތަރު ބިލިއަން ރުފިޔާއާއެކު އެ ކުންފުނީގެ އާމްދަނީ ވެސް ވަނީ 23 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ.

އެސްޓީއޯ އިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 14 ޕަސެންޓް އިތުރުވުމެވެ.

"އަދި ހަމަމިއާއެކު، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރި ތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ،" އެސްޓީއޯ އިން ނެރެފައިވާ ބަޔާނެއްގައި ވެ އެވެ.

އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 468 މިލިއަން ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި ލިބުނީ 397 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުގެ ކުރީގައި މި އަހަރު 176 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ފަހު ކޮޅުގެ ފައިދާއަކީ 154 މިލިއަން ރުފިޔާ އެވެ. އެސްޓީއޯގެ އާމްދަނީ އާއި ފައިދާ އިތުރުވީވެފައިވާއިރު ހިންގުމުގެ ފައިދާ ވެސް ވަނީ މައްޗަށް ޖެހިލާފަ އެވެ. ހިންގުމުގެ ފައިދާ މި ކުއާޓަރުގައި ހުރީ 208 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މި އަދަދުހުރީ 176 މިލިއަން ރުފިޔާގަ އެވެ.

މާލީ ގޮތުން އެސްޓީއޯ އިން އަހަރުގެ ކުރީކޮޅު ހޯދި ކުރިއެރުމާއެކު ހިއްސާއަކަށް ޖެހޭ އަދަދު ވަނީ 133ރ. އަށް އުފުލިފަ އެވެ. މި އަދަދު މިދިޔަ ފަހު ކުއާޓަރުގައި ހުރީ 116ރ. ގަ އެވެ.