އެސްޓީއޯ

ރެކޯޑަކާއެކު އެސްޓީއޯ އަށް 131 މިލިއަންގެ ފައިދާއެއް

Jan 27, 2022

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ އިތުރުވުމާއެކު، ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ މިދިޔަ އަހަރަށް ބަލާނަމަ ފައިދާ ބޮޑުތަނުން އިތުރު ވުމެކެވެ.

އެސްޓީއޯ އިން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރީގައި 154 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުންޏަށް މިދިޔަ ހަތަރުވަނަ ކުއާޓަރުގައި ލިބުނު ބޮޑު ފައިދާއަކީ 2020 ގެ ފަހުން މިހާ ބޮޑު ފައިދާއެއް ލިބުނު ފަހަރެވެ.

އެސްޓީއޯގެ ފައިދާ ކުއާޓާތަކުން

  • 2020- ހަތަރު ވަނަ ކުއާޓަރު: 91 މިލިއަން
  • 2021- އެއް ވަނަ ކުއާޓަރު: 109 މިލިއަން
  • 2021- ދެވަނަ ކުއާޓަރު: 110 މިލިއަން
  • 2021- ތިންވަނަ ކުއާޓަރު: 129 މިލިއަން
  • 2021- ހަތަރުވަނަ ކުއާޓަރު: 131 މިލިއަން

މިދިޔަ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވަނީ ތެޔޮ ވިއްކައިގެންނެވެ. ތެލުން 2.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ނޫން ގޮތްގޮތުން 808 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ޖުމްލަ އާމްދަނީގެ ގޮތުގައި 397 މިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯގެ މާލީ އުސް އަލިތައް

  • އާމްދަނީ 3.2 ބިލިއަން
  • ސާފު ފައިދާ 131 މިލިއަން
  • ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާ 154 މިލިއަން
  • ޖުމްލަ އާމްދަނީ 397 މިލިއަން
  • ހަރަދު 253 މިލިއަން

އެސްޓީއޯ އަށް މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 116ރ. އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނީގައި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް 2,057 މުވައްޒަފުން މަސައްކަތް ކުރަމުންދެ އެވެ. މީގެތެރޭގައި ހިމެނެނީ 1,320 ފިރިހެނުންނާއި 737 އަންހެން މުވައްޒަފުން އަދި 370 ބިދޭސީންނެވެ.