އެސްޓީއޯ

ހިންގުން ހަރުދަނާކޮށް އެސްޓީއޯގެ ސާފު ފައިދާއަށް 129 މިލިއަން

ކުންފުނީގެ ހިންގުން ހަރުދަނާކޮށް އެފިޝެންޓް ކުރަން އެޅި ފިޔަވަޅުތަކާއެކު ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއަށް 129 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ނިމިދިޔަ ކުއާޓަރުގައި ލިބިއްޖެ އެވެ.

މިދިޔަ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނުގެ މައްޗަށް އެސްޓީއޯ އިން އާއްމުކުރި ރިޕޯޓްގައިވާ ގައިވާ ގޮތުން މިދިޔަ ދެ ވަނަ ކުއާޓަރުގައި 110 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނުނަމަވެސް އެންމެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މި އަހަރުގެ ތިން ކުއާޓަރަކަށް ބަލާއިރު މުޅި އަހަރު ކުންފުނީގެ ފައިދާ ދިޔައީ އިތުރުވަމުންނެވެ. ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

ތިން ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަށް އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ތެލުގެ ލިބުނު އާމްދަނީ އިތުރުވުމެވެ. އިންކަމް ސްޓޭޓްމަންޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގައި 1.4 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ނިމިދިޔަ ކުއާޓަރުގައި ތެލުގެ އާމްދަނީ ވަނީ 1.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މި ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 375 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރީގެ އާމްދަނީގެ ގޮތުގައި 153 މިލިއަން ލިބިފައިވެ އެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ހިންގުމުގެ ހަރަދު ދަނީ ބޮޑުތަނުން ދަށްކޮށް ހިންގުން ހަރުދަނާ ކުރަމުންނެވެ. ކުރިން ހިންގުމުގެ ހަރަދު 1.7 މިލިއަން ރުފިޔާގައި ހުރިނަމަވެސް މިހާރު މި ހަރަރު ވަނީ ހަތް ލައްކައަށް ދަށްކޮށްފަ އެވެ.

ނިމިދިޔަ ކުއާޓަރުގައި އެސްޓީއޯގެ ހިއްސާއަކަށް ޖެހިފައިވަނީ 114 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއިން ވަނީ ނިމިދިޔަ ތިންވަނަ ކުއާޓަރުގައި މުހިންމު ދެ ނިންމުމެއް ނިންމާފަ އެވެ. އެއީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ބޭނުން ކުރަން ފެށުމާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފަށަން ލައިސަންސްއަށް ހުށަހެޅުމެވެ.