އެޗްޑީސީ

ތިލަފުށި މަޝްރޫއަށް އެޗްޑީސީން ނެގި 200 މިލިއަން ރުފިޔާގެ ލޯނަށް ގެރެންޓީ ދީފި

ތިލަފުށި މަޝްރޫއުގެ ދެވަނަ ފިިޔަވަހި ކުރިއަށް ގެންދިޔުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެގި 200 މިލިއަން ރުފިޔާފެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ލޯނުގެ ތަފްސީލު ވަނީ އާންމުކޮށްފަ އެވެ.

އެޗްޑީސީން ލޯނު ނަގާފައިވަނީ ހަބީބް ބޭންކުންނެވެ. އެއީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކުިރއަށް ގެންދިޔުމަށް ބޭނުންވާ އެޑްވާންސް ޕޭމަންޓުގެ 25 ޕަސަންޓް ފައިނޭންސް ހޯދުމަށް ނެގި ލޯނެކެވެ.

މި ލޯނުގެ ދަށުން އެޗްޑީސީން 150 ހެކްޓަރުގެ ބިން ހިއްކުމާއި، ބިން ހިއްކާ ސަރަހައްދުގެ އައްސޭރިފަށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެޗްޑީސީން ވަނީ އެ ސަރަހައްދު ހަ ޒޯނަކަށް ބަހާލައިގެން ބިން ހިއްކުމަށް ނިންމާފަ އެވެ. އެތަނުގައި ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް ގާއިމުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މިއަހަރުގެ ތެރޭގައި އެޗްޑީސީން ވަނީ ސަރުކާރުގެ ގެރެންޓީއާއެކު ބެންކް އޮފް ސިލޯނުން 230 މިލިއަން ރުފިޔާގެ ދެ ލޯނެއް ވެސް ނަގާފަ އެވެ. އެ ލޯނުތަކަކީ ސަބްމެރިން ކޭބަލް މަޝްރޫއުގެ ބޭނުމަށް ނެގި ލޯނުތަކެކެވެ.

ސަރުކާރުން މި އަހަރުގެ މިހާތަނަށް ވަނީ ޖުމްލަ 200 މިލިއަން ޑޮލަރުގެ ލޯނު ނަގާފަ އެވެ. އެއީ ތިން ބިލިއަން ދިވެހި ރުފިޔާ އެވެ.