ރައްޔިތުންގެ މަޖިލިސް

ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓުވުމުގެ މައްސަލަ ބޭރުކޮށްލައިފި

Feb 7, 2023

ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ސިނާއީ ރަށެއްގެ ގޮތުގައި ދިވެހި ރައްޔިތުންގެ ފައިސާ އިން ތިލަފުށި ތަރައްގީކުރަމުންދާތީ އާއި ދިވެހި ވިޔަފާރިވެރިންނަށް ބިމުގެ ދަތިކަން އޮތް އިރު 99 އަހަރަށް ބިދޭސީންނަށް ބިން ވިއްކުމަކީ ދިވެހި އިގްތިސޯދަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ކުއްލި މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި ތިލަފުށިން ނުއަގުގައި ބިން ވިއްކުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފައިސާ ހޯދުމަށެވެ. ތިލަފުށިން ބިން ވިއްކާ އުސޫލުން ބިން ވިއްކަން ފަށައިފިނަމަ ދިވެހި ވިޔަފާރިތައް ބިދޭސީން ކޮންޓްރޯލް ކުުރުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދިނުމަށް ހުޅުވާލުމުން މައްސަލަ ބޭރުކޮށްލީ 36 މެންބަރުން މައްސަލަ ބޭރުކޮށްލުމަށް ވޯޓުލައްވައިގެންނެވެ. ބަހުސްކުރެއްވުމަށް ތާއީދުކުރެއްވީ ނުވަ މެމްބަރުންނެވެ. އެ މައްސަލަ ބޭރުކޮށްލީ ނުފެންނަ ކަމަށް 36 މެމްބަރުން ވޯޓު ދީގެނެވެ.

ތިލަފުށި ހިންގުމާ ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.

އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ވެސް ބީލަން ހުށަހެޅެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރެވެ އެވެ.

ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޝައުގުވެރިވާ ފަރާތްތަކުން ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ މަރުހަލާ އާއި އީއޯއައި ހުށަހަޅާ ބިމަށް ބިޑު ކުރުމެވެ.