އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ އިސްލާމީ ގައުމުތަކުން ކުށްވެރިކުރަމުންދާއިރު ދިވެހި ސަރުކާރުން އެ މައްސަލަ ކުށްވެރި ނުކުރާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ބީޖޭޕީން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެސް ވެއެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުން ނުރުހުން ފާޅުކޮށް ބަޔާން ނެރުމާ ގުޅިގެންނާއި އިންޑިއާގެ މުސްލިމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން ފެށުމުން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފަ އެވެ.
ބީޖޭޕީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވުމާ ގުޅިގެން ބީޖޭޕީން ބަޔާނެއް ނެރުނު ނަމަވެސް އެ ބަޔާން ނެރުނު ސަބަބެއް ބުނެފައެއް ނުވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރި އޮފިޝަލްގެ ނަންވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީ އަކީ ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އަދި އެއްވެސް ދީނެއްގެ ޝަހްސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.