އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބެއްވުމަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް މާދަމާ ހެނދުނު 10:00 ޖަހާއިރު ބޭއްވުމަށް މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ ނިންމާފަ އެވެ.
މިކަމާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން އެމްޕީ އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ 65 މެމްބަރުން ތިބޭތީ އެ ޕާޓީން ބޭނުންވާ ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އޭސީސީގެ މެމްބަރުން ވަކިކުރުމަށް އަވަސް އަރުވައިލައިގެން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަކީ އެއްވެސް ގޮތަކަށް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
އޭސީސީގައި މިހާރު ތިބި މެމްބަރުންނަކީ ވެސް އެމްޑީޕީން ހޮވާފައިވާ މެމްބަރުންތަކެއް ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ މުއައްސަސާގެ މަސައްކަތް ރަނގަޅު ނޫން ކަމަށެވެ.
"އެކަމަކު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، އަވަސް އަރުވައިލައިގެން މެމްބަރުން ވަކިކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި." އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު މިމަހުގެ ނުވަވަނަ ދުވަހު ވަނީ އޭސީސީގެ ހުރިހާ މެންބަރުން ކޮމިޝަނުން ވަކިކުރުމަށް ނިންމާފަ އެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިމަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި ބޭފުޅުންގެ ތެރެއިން ޝަކީލް ފިޔަވާ އެހެން ބޭފުޅުން އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ސެޕްޓެމްބަރު 9، 2019 ގައެވެ. އޭސީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރައްވާ އޭނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ އޮގަސްޓް 25، 2019 ގައެވެ.