ތުރުކީ

ތުރުކީ ސީރިއާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1300 އަށް

ތުރުކީ އަދި ސީރިއާ އަށް އައި ބިންހެލުމުގައި މިހާތަނަށް 1300 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.

ތުރުކީގެ ދެކުނު ސަރަހައްދުން 912 މީހުން މަރުވެފައިވާއިރު ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިއާ ސަރަހައްދުގައި އުޅެމުން އަންނަ މީހުންގެ ތެރެއިން 380 މީހަކު މަރުވެފައިވެ އެވެ. މިހާތަނަށް 5383 މީހަކަށް އަނިޔާވެފައިވެ އެވެ. އަދި 900 އަށް ވުރެ ގިނަ އިމާރާތް ވަނީ ފުނޑުފުނޑުވެފަ އެވެ.

ބިމާހަމަވެފައިވާ އިމާރާތްތައް ސާފުކުރަމުންދާއިރު މަރުވި މީހުންގެ އަދަދު މިއަށް ވުރެވެސް އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު އަނިޔާ ލިބުނު މީހުންގެ ފުރިހަމަ އަދަދު ދެނެގަތުމަށް އަދި ދުވަސް ނަގާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި މި ބިންހެލުމުގެ އަސަރު އިރާގު، ލެބަނަން އަދި ސައިޕްރަސް އަށް ވެސް ވަނީ ކޮށްފަ އެވެ. އެހެންނަމަވެސް ލިބުނު ގެއްލުންތައް އަދި އަންދާޒާކުރަނީ އެވެ.

ތުރިކީގައި ބިންހެލުމާ ގުޅިގެން ކުއްލި ހާލަތު އޮތީ އިއުލާންކޮށްފަ އެވެ.

ތުރުކީން ތެޔޮ ސަޕްލައި ކުރަމުންދާ އެއްވެސް ހޮޅިއަކަށް ގެއްލުން ލިިބިފައެއް ނުވެ އެވެ. ނަމަވެސް ބިންހެލުން އައި ސަރަހައްދާ ކައިރީގައި ހުންނަ ޗޭހާންގެ ތެޔޮ ޓާމިނަލް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ބިންހެލުން އެރި ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށް އަތާއީ އެއާޕޯޓް ވެސް މިހާރު އޮތީ ބަންދުކޮށްފަ އެވެ.

ބިންހެލުމުގައި މީހަކު ގެއްލިފައި ވޭތޯ ބެލުމަށާއި އަަނިޔާ ލިބުނު މީހުންނާއި އާއިލާތަކަށް އެހީތެރިވުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނުކަތާވަރަށް ބިޔަކަމުން ވެއްޓިފައިވާ އިމާރާތްތައް ސާފުކުރުމަގައި މީހުންގެ އަތްތަކުން ގާތަކާއި ތަކެތި ނަގައި ދުރަށްލުމުގެ މަސައްކަތްކުރަން ވަނީ ޖެހިފަ އެވެ. ރައްޔިތުން ކެތްތެރިވުމަށް ގޮވާލައްވައި ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި ސަރުކާރުން އެއްވެސް ރައްޔިތަކު ދޫކޮށްނުލައްވާނެ އެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ތުރުކީއަށް އެއްބާރުލުން ދެމުން ގެންދާއިރު ރަޝިއާގެ ރައީސް ވަނީ އުރުދުޣާން އަށް ގުޅުއްވައި ކޮންމެ ފަދަ އެހީތެރިކަމަކަށް ތުރުކީ ބޭނުންޖެހުނު ނަމަވެސް -- އެކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތުންވެސް ތުރުކީއަށް އެހީތެރިވެ ދެއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ބިންހެލުމުގައި ލިބުނު ހުރިހާ ގެއްލުމަކަށް އެހީތެރިވެދޭނެ ކަމަށް އެމެރިކާ، ފްރާންސް، ޔޫކްރޭން، އަޒަރުބައިޖާން، މިސްރު އަދި އިޒްރޭލުން ވަނީ ބުނެފަ އެވެ.

ބާރުގަދަ މިފަދަ ބިންހެލުމާއި ވިދިގެން އަންނަ ލޮޅުންތައް އެތައް ދުވަހަކަށް ނުވަތަ މަސްތަކަށް ދެމިގެންދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. މިހާތަނަަށްވެސް 60 އަށް ވުރެ ގިނަ ކުދި ލޮޅުންތައް ވަނީ އަރާފަ އެވެ.