ދުނިޔެ

ބިންހެލުމުގެ ސަބަބުން ތުރުކީގައި ނިއުކްލިއާ ނުރައްކާތެރިކަމެއް ނެތް: ނިއުކްލިއާ އެޖޭންސީ

ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން ނިއުކްލިއާ ބިރުވެރިކަމެއް ނެތް ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއިއޭ) އިން ބުނެފި އެވެ.

އައިއޭއީއޭ އިން ބުނީ ތުރުކީގައި މިހާރު ހުރި ނިއުކްލިއާ ޕަވާ ޕްލާންޓްތަކުން ރޭޑިއޭޝަން ލީކުވުމުގެ އަލާމާތެއް ފެންނަން ނެތް ކަމަށެވެ.

ނިއުކްލިއާ ޕަވާ ޕްލާންޓް ހުންނަ ގައުމުތަކަށް ބިންހެލުން އައުމަކީ ވަރަށް ނުރައްކާތެރި ހާލަތެކެވެ. އާދައިގެ ހާލަތްތަކުގައި ބިންހެލުމުގެ ސަބަބުން ބޮޑެތި އިމރާތްތައް ވެއްޓި މީހުންގެ ފުރާނަ ގެއްލި އަދި މަދަނީ މުދަލަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އޭގެ ބިރުވެރިކަން ޖީލުތަކަށް ދެމިގެން ނުދެ އެވެ.

މިއާ ޚިލާފަށް ބިންހެލުމުގައި ނިއުކްލިއާ ޕަވާ ޕްލާންޓްތަކަށް ގެއްލުން ލިބި ރޭޑިއޭޝަން ލީކުވުމަކީ އޭގެ އަސަރު ކަނޑުވާލަން ދަތި އަދި ޖީލުތަކަށް ގެންލުން ބޮޑު އެކްސިޑެންޓަކަށް ވެދެ އެެވެ.

ތުރުކީގެ ނިއުކްލިއާ ރެގިއުލޭޓަރީ އޮތޯރިޓީއާ ހަވާލާދީ އައިއޭއީއޭ ބުނާ ގޮތުން ނިއުކްލިއާ ސައިޓަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ތުރުކީ ވަނީ ނިންމާފަ އެވެ. އަދި ބައިނަލްއަގްވާމީ ރެކޯޑްތަކުގައި އެ ބުނުން ވަނި ހިމަނާފަ އެވެ.

ތުރުކީ - ސީރިއާ ބޯޑަރަށް އައި ބިންހެލުމުގެ ސަަބަބުން 2،921 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 15،834 މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. މި އަދަތުތައް އަދި މިއަށް ވުރެ އިތުރުވާނެ ކަމަށް އިދާރާތަކުން ލަފާކުރެ އެވެ.

އައިއޭއީއޭ ބުނާ ގޮތުން ތުރުކީގައި ހުރި ނިއުލްކިއާ ޕަވާ ޕްލާންޓްތައް މޮނީޓާކޮށް ދިރާސާކުރާނެ އެވެ. އަދި އެ އިދާރާގެ އޮފިޝަލުން ސައިޓްތަކަށް ދަތުރުކުރާނެ އެވެ.

ތުރުކީއަކީ ވެސް ބިމުން ތެޔޮ ނެގުމުގެ ބަދަލުގައި ހަކަތައިގެ ރައްކާތެރި ވައްތަރުތަކަށް ބަދަލުވާން މަސައްކަތްކުރާ ގައުމެކެވެ. ޖައްވަށް އަަރައިގެންދާ ވިހަ ގޭހުން ސަލާމަތްވުމަށް ޕެޓްރޯލާއި ޑީސަލް ބޭނުންކުރުން ހުއްޓާލާފައި -- ފެހި ހަކަތައަށް ބަދަލުވުމަކީ ތުރުކީން ގެންގުޅޭ ތަސައްވުރެކެވެ.