ތުރުކީ

ބިންހެލުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް

ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 2،921 އަށް އަރައިފި އެވެ.

އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުން ވެއްޓިފައިވާ އިމާރާތްތަކުގެ ބެރިތަކާއި ދަނގަނޑާއި ކޮންކްރީޓް ތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރެވޭތޯ ރޭގަނޑުގެ ގަދަފިނީގެ ތެރޭގައި ރޭގައިވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.

މަރުވި މީހުންގެ ސީދާ އަދަދު އެނގިގެންދާން އަދިވެސް ވަގުތު ނަގާނެ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ދިރިހުރި އެއްވެސް މީހަކުވޭތޯ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ރިކްޓާ މިންގަނޑުން 7.7 ގެ ގަދަ ބާރުމިނުގައި އައި ބިންހެލުމުގައި 4،300 މީހުން ވަނީ މަރުވެފަ އެވެ. އަދި އެސަރަހައްދުގެ އެތަކެއް ހާސް އިމާރާތެއް ވަނީ ފުނޑުފުނޑުވެފަ އެވެ.

ތުރުކީގެ ދެކުނުގައި މީހުން މަރުވި އަދަދު 2،921 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 15،834 އަށް ވުރެ މަތި ކަމަށް ޑީޒާސްޓާ އެޖެންސީން ބުނެފައިވެ އެވެ.

ބިންހެލުމާ ގުޅިގެން ހިނގަމުންދާ މުހިންމު ކަންކަން

  • ތުރުކީގައި ހަތް ދުވަހުގެ މުއްދަތަށް ހިތާމަފާޅުކުރަން ވަނީ އިއުލާން ކޮށްފައި
  • ޕާކިސްތާނުގެ 50 އަސްކަރީ އޮފިސަރަކާއެކު 25 ޓަނުގެ އެހީގެ ސާމާނު ހިފައިގެން ވަނީ ފުރާފައި
  • އިންޑިއާގެ ޓީމުތަކެއް، ސާޗް ޑޯގް އާއި، ޑްރިލް މެޝިންތަކާއި ބޭހާ އެކު ވަނީ ފުރާފައި
  • ސައުތު ކޮރެއާ އިންވެސް ވަނީ ބޭހާއި ރެސްކިއު ޓީމުތައް ފޮނުވާފައި
  • ސާޗް އެންޑް ރެސްކިއު އަދި ކޯޑިނޭޓް ކުރުމަށް އެމެރިކާގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުން
  • ތުރުކީގައި ބޭއްވުމަށް ނިންމާފައިވާ ކުޅިވަރު މުބާރާތްތައް ވަނީ ފަސްކޮށްފައި
  • ބާލިންގައި ބްލަންކެޓްއާއި އަންނައުނުގެ އެހީ ފޯރުކޮށްދިނުމުގެ ކެމްޕޭންތައް ދަނީ ހިންގަމުން

ތުރުކީގެ ނައިބު ރައީސް ފުއާދު އޮކްތޭ ވިދާޅުވެފައިވަނީ މިހާތަނަށް 7،840 މީހަކު ކޮންކްރީޓްތަކުގެ ދަށުން ނަގައި ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 11،022 ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނައިބު ރައީސް ފުއާދު އިތުރަށް ވިދާޅުވެފައިވަނީ ހާލުގައި ޖެހިފައިވާ 338،000 މީހުންނަށް ވަގުތީހިޔާވަހިކަން ޔުނިވަސިޓީތަކާއި ހޯލްތަކުގަޔާއި ގެތަކުގައި ދެވިފައިވާ ކަމަށެވެ.

ސީރިއާގެ އޮފިޝަލުން ވިދާޅުވެފައިވަނީ މިހާތަނަށް 1،444 މީހަކު މަރުވެފައިވާއިރު 2،400 މީހަކު ޒަހަމުވެފައިވާ ކަމަށެވެ.