ތުރުކީ

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 5،800 އިން މައްޗަށް

ތުރުކީ ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި މިހާތަނަށް 5،894 މީހަކު މަރުވެ، 34،810 މީހަކު ވަނީ ޒަހަމްވެ އަނިޔާވެފަ އެވެ.

އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންނާއި ދިރިތިބެދާނެ ކަމަށް ބެލެވޭ މީހުން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ އެތައް ހާސް މީހުން ވަރުގަދައަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި އެތައް ހާސް އިމާރާތްތަކެއް ވަނީ ބިމާހަމަވެ ސުންނާފަތިވެފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސް ދުވަހުގެ އިމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

ތުރުކީގެ ދެކުނު ސަރަހަދަށް އައި ބާރުގަދަ މި ބިންހެލުމުގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ވައްދާފަ އެވެ.

ސީރިއާގެ ސަރަހައްދުގައިވެސް 1،932 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

މީގެ ތެރޭގައި ސީރިއާ ސަރުކާރުގެ ބާރު ދަށުގައިވާ ސަރަހައްދުތައް ކަމަށްވާ އާލެއްޕޯ، ލަޓާކިއާ، ހާމާ، އިދްލިބް އަދި ތާތޫސްގައި 812 މީހަކު މަރުވެފައިވާއިރު 1،449 މީހަކު ވަނީ ޒަހަމް ވެފަ އެވެ.

ސީރިއާ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބާރު އޮންނަ ހުޅަނގު އުތުރު ސަރަހައްދުތަކުގައި 1،120 މީހަކު މަރުވެފައިވާއިރު 2،500 މީހަކަށް އަނިޔާވެފައިވެ އެވެ.

އެހީފޯރުކޮށްދޭ ފަރާތްތަކުން ދިރިތިބި މީހުން ހޯދައި ސަލާމަތްކުރުމުގެ ނާޒުކު މަސައްކަތް ފިނީގެ ގޮނެޖެހުންތަކާއެކު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. އެއާއެކު މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި އިމާރާތްތަކުގެ ގާކުނޑިތައް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ހިންގަމުންނެވެ.

ދުނިޔޭގެ އެތައް ގައުމަކުން ތުރުކީއަށް އެކި ސިފަސިފައިގައި ބޮޑެތި އެހީތަކެއް މިވަގުތު ދަނީ ފޯރުކޮށްދެމުންނެވެ. މި ބިންހެލުމަކީ އެތެރެވަރީ ބިމަކަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ދިވެހި ސަރުކާރުންވެސް ވަނީ ތުރުކީގެ ރައީސް އުރުދުޣާނާއި ތުރުކީގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ. އަދި ދިވެހި ރެޑްކްރެސެންޓުން ތުރުކީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕޭނެއް މިވަގުތު ދަނީ ހިންގަމުންނެެވެ.