ދުނިޔެ

އިނގިރޭސިވިލާތު އަސްކަރީ ކުންފުނިތަކުން ޔުކްރޭންގައި ހަތިޔާރު އުފައްދަން ރާވަނީ

ޔުކްރޭންގައި ހަތިޔާރު އުފެއްދުމަކީ ކުރެވިދާނެ ކަމެއްތޯ އިނގިރޭސިވިލާތުން ބަލަން ފަށައިފި އެވެ. މި ކަމަށްޓަކައި އިނގިރޭސި އަސްކަރީ ސިނާއަތުގެ އިސް އޮފިޝަލުންތަކެއް ޔުކްރޭނަށް ދަތުރުކޮށް އެ ގައުމުގެ އޮފިޝަލުންނާ މަޝްވަރާކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސިންގެ ވިސްނުމަކީ ޔޫރަޕްގައި ހަތިޔާރު އުފައްދަން މަޝްހޫރު ގާބިލު ކުންފުނިތަކުން ޔުކްރޭންގައި އިންވެސްޓްކުރުމުގެ ކުރިން އިނގިރޭސި ސިނާއީ-އަސްކަރީ ކުންފުނިތަކުން ޔުކްރޭންގައި ފެކްޓަރީތައް ބިނާކުރުމެވެ.

ފްރާންސާއި ޖަރުމަނު ކުންފުނިތަކުން ޔުކްރޭންގައި ބިންގާއެޅުމުގެ ކުރިން އިނގިރޭސިން ޔުކްރޭނަށް އަތްގަދަކުރުމަކީ ވެސް އެ މީހުންގެ ވިސްނުމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުން ބޭރުގައި އިނގިރޭސި ކުންފުނިތަކުން ހަތިޔާރު އުފައްދާ ނަމަ އެކަމަށް ހާއްސަ ލައިސަންސެއް އޮންނަން ޖެހެ އެވެ. އެހެން ނަމަވެސް، މި އިސްނެގުމަކީ ސަރުކާރު އަޑީގައި އޮވެގެން ހިންގާ ޕްރޮޖެކްޓަކަށްވުމުން ލައިސަންސަން ހޯދުމުގައި ތަކުލީފެއް ނޯންނާނެ ކަމަށް ބުނެވެ އެވެ.

އިނގިރޭސިވިލާތުގެ އަސްކަރީ އޮފިޝަލުންނަށް ގަބޫލުކުރެވޭ ގޮތުގައި ދެމެހެއްޓެނިވި ގޮތުގައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށް މިއަށް ވުރެ މޮޅު އަދި ކާމިޔާބު ގޮތެއް ނެތެވެ.

ޔުކްރޭންގައި އުފައްދަން އިނގިރޭސިން ވިސްނާ ހަތިޔާރުތަކުގެ ތެރޭގައި އަސްކަރީ ދަރަޖައިގެ ޓޭންކްތަކާއި މިސައިލާއި ރޮކެޓް ވެސް ހިމެނެ އެވެ.

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމުގައި ފުކެއް ދޫކުރަން އިނގިރޭސިވިލާތުން ވެސް ބޭނުމެއް ނުވެ އެވެ. ޔޫރަޕްގެ ގައުމުތަކުން ފޮނުވާ އެއްޗަކަށް އެއްޗެއް ފޮނުވުމުގެ ވާދަވެރިކަމުގައި އިނގިރޭސިން މިހާރު ތިބީ ޓޭންކްތައް ފޮނުވަން ތައްޔާރަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކު ވިދާޅުވި ގޮތުގައި ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުމާ މެދު ވެސް އެ ގައުމުން ވިސްނާނެ އެވެ.

ޔުކްރޭން ހަނގުރާމަ ދިގުދެންމުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ވިސްނިވަޑައިގަންނަވާ ކަމަށް ވެސް ރިޝީ ސުނަކް ވިދާޅުވި އެވެ. އެހެން ނަމަވެސް ޔުކްރޭނަށް އަސްކަރީ ގާބިލުކަން ލިބުމަށް ތާއިދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.