ދުނިޔެ

އިނގިރޭސިވިލާތުން ޓޭންކް ޝިޕްމަންޓެއް ޔުކްރޭނަށް

އިނގިރޭސިވިލާތުން ޗެލެންޖާ މަރުކާގެ ޓޭންކްތައް ޔުކްރޭނަށް ފޮނުވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެ އެވެ.

އޭނާ މިކަމަށް އެއްބަސްވެ ވަޑައިގަތީ ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގަ އެވެ.

މިއީ ހުޅަނގުގައި އުފައްދާ ޗެލެންޖާ މަރުކާގެ ޓޭންކްތައް ޔުކްރޭނަށް ފޮނުވާ ފުރަތަމަ ފަހަރެވެ.

ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 24، 2021 ގައި ފެށިފަހުން އަހަރު ވަނީ އެވެ. ހަނގުރާމަ ހުއްޓާލުމަށް ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް -- ރަޝިއާ ބަލިކޮށްފައި ނޫނީ ހަނގުރާމަ ހުއްޓާލުމަކީ ނުފޫޒުގަދަ ގައުމުތަކުން ބޭނުންވާ ގޮތެއް ނޫނެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ހަމަލާދޭން ޖެހުނީ ނޭޓޯގެ ސަބަބުންނެވެ. ނޭޓޯގެ މެމްބަރު ގައުމުތަކުން ޔުކްރޭނަށް މާބޮޑަށް އެހިތެރިކަން ފޯރުކޮށްދީ، ޔުކްރޭންގައި އަސްކަރީ މަރުކަޒުތައް ހަދަން ފެށުމަކީ ރަޝިއާ ބުނާ ގޮތުން އެ ގައުމަށް ޔުކްރޭނުން ކުރިމަތިކުރި ނުރައްކަލެކެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކާ އެކުވެސް ޔުކްރޭން އަދި ހުޅަނގަށް ފޫޅުކެނޑި ގައުމުތަކުން ވިސްނަނީ ހަނގުރާމަ ދިގުދެއްމުމަށެވެ.

ޗެލެންޖާ ޓޭންކްތައް ފަދަ ޒަމާނީ ހަތިޔާރު ޔުކްރޭނަށް ސަޕްލައިކުރުމާއި -- ޔުކްރޭންގެ ސިފައިން ތަމްރީންކުރުމަށް ހުޅަނގުން ހިންގާ ޕްރޮގްރާމްތަކުން ދޭހަކޮށްދެނީ ރަޝިއާ ބަލިކުރަން އެ ގައުމުތަކުން އެދޭ މިންވަރެވެ.

ޗެލެންޖާ 2ގެ ޓޭންކްތަކާ އެކު ހަނގުރާމައިގައި ބޭނުންކުރާ ޒަމާނީ ހަތިޔާރާއި އެ ތަކެތި އޮޕަރޭޓްކޮށް ޔުކްރޭން ސިފައިންނަށް ދަސްކޮށްދިނުމަށް ފަންނުވެރިން ފޮނުވާނެ ކަމަށް ވެސް އިނގިރޭސިވިލާތުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުން ޓޭންކްތައް ފޮނުވަން ފެށުމުން ޖަރުމަނާއި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ޔުކްރޭނަށް ޓޭންކް ފޮނުވާނެ އެވެ. ޕޮލޭންޑާއި ފިންލޭންޑް ވެސް އޮތީ ޔުކްރޭނަށް ހަތިޔާރު ފޮނުވާ ގޮތަށް ތައްޔާރަށެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް އދ. އާއި އިންސާނިއްޔަތަށް އެހީތެރިކަން ހޯދައިދޭ ޖަމާއަތްތަކުން ގޮވާލި ނަމަވެސް އެމެރިކާ އާއި ޔޫރަޕުގައި މި ގޮވާލުމަށް ޖަވާބެއް ނެތެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ހަތިޔާރު ފޮނުވުމަކުން ހަނގުރާމަ މަޑުޖެހޭނެ ގޮތެއް ނޯންނާނެ އެވެ. އަދި ހަނގުރާމަ ހުއްޓަން އެދޭ ނަމަ ޔުކްރޭނަށް ހަތިޔާރު ފޮނުވުމަކީ އޮތް ހައްލެއް ނޫނެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ޔުކްރޭންގައި މިހާރު ހިނގާ ހަނގުރާމަ އަކީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގާ ހަނގުރާމައެއް ނޫނެވެ. އެއީ ޔޭޓޯ އާއި އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމަ އެކެވެ.