ދުނިޔެ

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ އިނގިރޭސި ކަނޑުގެ ސިފައިން: ރަޝިއާ

ރަޝިއާއިން ޔޫރަޕަށް ގޭސް ސަޕްލައިކުރަން ބޯލްޓިކް ކަނޑު އަޑިން ޖަރުމަނަށް އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކަކާއި ނޯޑް ސްޓްރީމް ދޭއް ގޮއްވާލީ އިނގިރޭސި ކަނޑުގެ ސިފައިން ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީ އޮފް ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ސެޕްޓެމްބަރު 26 ގައި ހަމަލާ ދިނުމުގައި -- ރޭވުމާއި ތަންފީޒުކުރުމުގައި ވެސް ބައިވެރިވެފައިވަނީ އިނގިރޭސި ސިފައިން ކަމަށެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލުމުގެ ސަބަބުން ކުރިއަށް އޮތް ފިނި މޫސުމުގައި ޔޫރަޕަށް ގޭސް ލިބުން އޮތީ ބިރުވެރިކަމެއްގަ އެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ޔޫރަޕް ގައުމުތަކުގައި މިހާރު ހުރި ގޭހުން ފިނި މޫސުމަށް ފުދޭވަރުވި ނަމަވެސް ރަޝިއާގެ ހަކަތައާއި ނުލައި ޔޫރަޕަށް ކެތެއް ނުކުރެވޭނެ އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލި ބަޔަކާ ބެހޭ ގޮތުން ޔޫރަޕުން ވާހަކަދައްކަން ބޭނުން ނުވި ނަމަވެސް ގޭސް ހޮޅިތަކަށް ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ޖަރުމަނާއި ޑެންމާކް އަދި ސްވިޑުން އިން ވަނީ ބުނެފަ އެވެ.

ޖަރުމަނާއި ޑެންމާކް އަދި ސްވިޑުން ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު އޮފިޝަލުން ބުނި ގޮތުގައި ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ވަނީ ހަތަރު ތަނަކުން ފޫވެއްޓިފަ އެވެ. އެެހެންނަަމަވެސް މި އޮޕަރޭޝަންގައި ރަޝިއާ ބައިވެރިއެއް ނުކުރެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ކުރިން ބުނީ ރަޝިއާގެ ބައިވެރިވުން ނެތި ނޯޑް ސްޓްރީމް ގޭސް ހޮޅިތަކާ ބެހޭ ގޮތުން ކުރެވޭ ތަހުގީގެއް އަދި ހިންގޭ އޮޕަރޭޝަނެއް ވެސް ގަބޫލު ނުކުރާނެ ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ރަޝިއާއަށް ދަތިކުރަން ހުޅަނގުން ކުރާ މަސައްކަތްތަކާ ހެދި ރަޝިއާ އާއެކު ތަހުގީގެއް ހިންގުމަކީ ޔޫރަޕު ލަދުގަންނަ ކަމަކަށް އޮތީ ވެފަ އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް މަރާމާތުކުރުން މިވަގުތަށް ދަތި ނަމަވެސް އެއީ ނުކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށް ރަޝިއާ ބޮޑުވަޒީރުގެ ނައިބް އެލެގްޒެންދަރު ނޮވާކު ވެސް އޮތީ ވިދާޅުވެފަ އެވެ.

ރަޝިއާގެ މި ތުހުމަތަށް އިންކާރުކޮށް އިނގިރޭސި ޑިފެންސުން ބުނީ ޔުކްރޭނުން ދެމުން ގެންދާ ރައްދު ހަމަލާތަކަށް ކެތްނުކުރެވިގެން ރަޝިއާ ކޮންމެވެސް އަނގަތަކެއް ތަޅަނީ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ނޯޑް ސްޓްރީމް ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ވަނީ ބުނެފަ އެވެ.