ލައިފްސްޓައިލް

ހަތް ދަރިން ތިބި މީހަކު އެއްމާބަނޑު ފަސް ދަރިން ވިހައިފި

ޕޮލެންޑް އަންހެނަކު އެއްމާބަނޑު ފަސް ކުދިން ވިހައިފި އެވެ.

އޭނާގެ ކުރިން ވެސް ހަތް ދަރިން ތިބުމާއެކު މި ފަސް ދަރިން ލިބުމުން ޑަޒަނެއްގެ ދަރިން އެމީހާއަށް ވަނީ ހަމަވެފަ އެވެ.

ޑޮމިނިކާ ކްލާކޭ، 37، ބުނި ގޮތުގައި އެމީހުން އިންތިޒާރު ކުރީ އަށް ވަނަ ދަރިއަކަށެވެ. އެހެންނަމަވެސް ލިބުނީ އުންމީދު ކުރި ވަރަށް ވުރެ ތަންކޮޅެއް ގިނައިންނެވެ.

މިކުދިން ވިހާފައިވަނީ 28 ހަފުތާގައި ކަމުން ކުދިންގެ ބަރުދަނުގައި އެވްރެޖްކޮށް ހުރީ 1.5 ކިލޯ އެވެ. ބަރުދަން ލުޔަސް ކުދިންގެ ހާލު ރަނގަޅުކަމަށް އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކްލާކޭ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ އުންމީދުކުރި ވަރަށް ވުރެ ދަރިންގެ ހާލު މާ ބޮޑަށް ވެސް ރަނގަޅެވެ.
ކްލާކޭއަށް މިފަހަރު ލިބުނު އެއްމާބަނޑު ފަސް ކުދިންގެ ތެރޭގައި ހިމެނެނީ ތިން އަންހެންކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އޭނާގެ ކުރިން ތިބި ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ އަށް 12 އަހަރެވެ. ހަގު ކުއްޖާއަށް 10 މަހެވެ. މި ކުދިންގެ ތެރޭގައި ވެސް އެއްމާބަނޑު ދެބެންގެ ދެ ސެޓު ހިމެނެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލާކޭ ބުނީ ކިތަންމެ ކުދިން ގިނަޔަސް އޭނާއަށް އެކުދިން ރަނގަޅަށް ބެލެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ވަކި ސިސްޓަމެއްގެ ދަށުން، ހަމަޖެހިލައިގެން، ޕޮޒިޓިވް ވިސްނުމެއްގައި އުޅޭނަމަ ހުރިހާ ކުދިން ގޮވައިގެން ވެސް "ވަރަށް ކޫލް" ދިރިއުޅުމެއް އުޅެވިދާނެ،" ކްލާކޭ ބުނި ކަމަށް ދަ ވޮޝިންޓަން ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.

ޕޮލެންޑްގައި އެއްމާބަނޑު ފަސް ކުދިން ވިހެއުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ކްލާކޭ ވިއްސި ހޮސްޕިޓަލުގައި މީގެ ކުރިން އެއްމާބަނޑު ފަސް ކުދިން ވިހާފައިވަނީ އެންމެ ފަހަރަކު އެވެ.

އެއްމާބަނޑު ފަސް ދަރިންނަށް ގުދުރަތީ ގޮތުން ބަލިވެ އިނުމުގެ ފުރުސަތު އޮންނަނީ 60 މިލިއަނަކުން އެއް ފަހަރު އެވެ. ނަމަވެސް އައިވީއެފް ކަހަލަ ބަލިވެ އިނުމަށް އެހީތެރިވެދޭ ތަފާތު މެތަޑްތައް ބޭނުންކޮށްގެން މިފަދަ ކުދިން ލިބުމުގެ ފުރުސަތު 52 މިލިއަނަކުން އެއް ފަހަރު އޮވެ އެވެ.

ކްލާކޭ ވިހޭ ފަސް ކުދިން މި ވަގުތު ތިބީ ހޮސްޕިޓަލުގަ އެވެ. އެކުދިންގެ ބަރުދަން އެކަށީގެންވާ ވަރަކަށް އިތުރުވުމުން ގެއަށް ފޮނުވާލާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ކްލާކޭ ބުންޏެވެ. އަދި އެކުދިންގެ އިންތިޒާރުގައި އެކުދިންގެ އެއްބަނޑު އެއްބަފާ ކުދިން އެބަ ތިބި ކަމަށެވެ.