ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ މަޝްރޫއުުތަކާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށްޓަކައި އެކުލަވާލި "ގެދޮރުވެރިންގެ ކޮމިޓީ"ގައި މާލެ ސިޓީ ކައުންސިލް ބައިވެރިނުކުރުމުން އެ ކައުންސިލުގެ މެމްބަރަކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުން ގޯތިދޫކުރުމަށް ސަރުކާރުން ނިންމައި ކޮމިޓީ އެކުލަވާލިއިރު އެ ކޮމިޓީގައި މާލެ ސިޓީ ކައުންސިލުގެ ދައުރެއް ނެތުމަކީ ކައުންސިލަށް ގާނޫނީ ގޮތުން ލިބިދޭ ބާރު ކަނޑުވާލައި ގާނޫނީ ގޮތުން އޮޅުވާލުން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ގޯތި ދޫކުރަމުން ގެންދަނީ ކައުންސިލްތަކުން. އެކަމަކު މާލޭގެ ރައްޔިތުންނަށް ގޯތި މިދޫކުރަނީ މައި ސަރުކާރުން. މާލެ ރައްޔިތުން އިންތިހާބު ކުރެއްވި ކައުންސިލްގެ ދައުރެއްނެތް،" ޝުޖާއު ވިދާޅުވި އެވެ.
މީގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ މި އަމަލުން ދޭހަވަނީ ރަށު އޮފީހުގެ ބޭނުމެއް ނެތްކަން ކަމަށާއި، "ގާނޫނު އޮތީ އަސްލަންޓޭ (ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް)ގެ ކަބަޑުތެރޭގަ" ކަމަށް ޝުޖާއު ވަނީ ޓްވީޓް ކުރައްވާފައެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އުފައްދާފައިވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފަސް ކަމަށެވެ.
ކޮމެޓީގައި ތިއްބަވާ މެމްބަރުން
- އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއާޕާސަން)
- އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯޗެއާޕާސަން)
- މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
- އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
- މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެ އެވެ.