މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫން: ޕްލޭނިން މިނިސްޓްރީ

މާލޭގެ އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އެ ކައުންސިލަށް އަންގައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އެގޮތަށް ސިޓީ ކައުންސިލަށް އަންގާފައި ވަނީ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއި ކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސް ކުރައްވާ ފޮނުއްވާފައިވާ ސިޓީއަކުންނެވެ.

ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައި މިވަނީ ސިޓީ ކައުންސިލުން މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީ އޮންނަ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައި އޮތް ބިން ހުސްކުރުމާ ގުޅިގެންނެވެ.

އެ ސިޓީގައި ބުނެފައި ވަނީ ސްޓެލްކޯގެ ފަރާތުން މާލޭގައި ގާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތައް ބޭނުންވާ މެޓީރިއަލްސް ފަދަ ތަކެތި ބެހެއްޓުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މާލޭގައި ދެމުންދާ ބަހުގެ ހިދުމަތާއި ގުޅިގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ ތިން ނަމްބަރު ކޮށިން ވަގުތީ ގޮތުން ކަނޑައަޅާފައިވާ ބިން ސިޓީ ކައުންސިލުން ބަންދުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އިންޑަސްޓްރިއަލް ވިލެޖުގެ ތިން ނަމްބަރު ކޮށީގެ ބިން ބަންދުކޮށްފައިވާ ނަމަ އެކަން ހުއްޓުވުމަށް އަންގާފައިވެ އެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ހުރި ތަކެތި ކައުންސިލުން ނަގާފައިވާނަމަ އެތަކެތި އެ ކުންފުންޏާ ހަވާލުކޮށް ދިނުމަށް އެ ސިޓީގައި އަންގާފައިވެ އެވެ.

އެ ބިމުގައި ތިލަފުއްޓާއި މާލެއާ ބްރިޖަކުން ގުޅާލާއިރު މާލެއާއި ތިލަފުއްޓާ އިންޓަކަނެކްޝަނަކުން ގުޅާލުމަށް 132 ކޭވީގެ ކަރަންޓް ސަބްސްޓޭޝަނެއް ގާއިމުކުރަން ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ. އެހެންވެ އެ ބިން ބޭނުންކުރުމަށްޓަކައި ސްޓެލްކޯއިން ވާނީ އެ ބިން ސާފުކޮށް، ވަށައިގެން ފެންސްވެސް ޖަހާފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ މާލޭ ސިޓީ ކައުުންސިލުން އެ ބިން ސާފުކުރި އިރު ސީސީޓީވީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ސްޓެލްކޯއިން ކޮންޓްރެކްޓަރު ލައްވައި ބެހެއްޓި ބައިވަރު އެއްޗެތި އެތަނުން ގެއްލިފައިވާ ކަމަަށެވެ.

ސްޓެލްކޯގެ ބިމަކީ 21،000 އަކަ ފޫޓުގެ ބިމެކެވެ. އެ ބިން ބޭނުންކުރަން އިތުރު ޕްލޭންތަކެއްވެސް އެބަހުރި ކަމަށް ސްޓެލްކޯއިން ބުނެއެވެ.