ސްޓެލްކޯގެ ސާމާނުތަކެއް ބަހައްޓާފައި ހުރި ބިމެއް އެ ކުންފުންޏަށް ނޭނގި ސިޓީ ކައުންސިލުން ހުސްކޮށްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތު ދޮގުކޮށްފި އެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަވަސް މިއަދު ވިދާޅުވީ ސްޓެލްކޯގެ ބިމެއް ގަވައިދާ ހިލާފަށް ސިޓީ ކައުންސިލުން ހުސްކޮށްފައި ނުވާނެ ކަމަށެވެ. އަދި ބައެއްގެ ބިމެއް ގަވައިދާ ހިލާފަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ހުސްކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ސިޓީ ކައުންސިލުން ހުސްކޮށްފައިވަނީ ސްޓެލްކޯއިން މާލޭގެ ސިނާއީ ސަރައްދުން މޭރީބްރައުން ކުރިމަތިން ދީފައިވާ ބިމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
ސްޓެލްކޯގެ އޮފިޝަލެއް އަވަސް އަށް ވިދާޅުވީ ސިޓީ ކައުންސިލުން އެ ބިން ހުސްކުރި ކަން އެނގުނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށާއި ހުސްކޮށްފައިވާ ބިމަކީ ސްޓެލްކޯ އިން ބޮޑު ހަރަދެއް ކޮށްގެން ފެންސް ޖަހާ ބަންދު ވެސް ކޮށްފައިވާ ބިމެއް ކަމުގައި ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ހުސްކުރި ބިން ސްޓެލްކޯ އަށް މުހިއްމު ވާތީ ސްޓެލްކޯ އަށް އެ ބިން ދާއިމީކޮށް ދޫކުރުމަށް ކަމާ ގުޅޭ އިދާރާތަކުގައި ވަނީ އެދިފަ އެވެ. ގްރޭޓާ މާލޭ އޭރިއާ އަށް އެއް ވިއުގަ އަކުން ކަރަންޓު ދިނުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދާ މަޝްރޫއުގައި އެ ބިމަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ބިމެއް ކަމަށް ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
އެގޮތުން ސިނަމާލެ ބުރިޖާއި ތިލަމާލެ ބްރިޖާ އެކު ގްރޭޓާ މާލެ ސަރަހައްދު ގުޅިގެންދާއިރު ހުރިހާ ރަށަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާނެ ޓްރާންސްފޯމަރާއި ސޯލާ ބެޓެރި ސިސްޓަމެއް އެ ބިމުގައި ބަހައްޓަން ސްޓެލްކޯ އިން ވަނީ ނިންމާފަ އެވެ.
ސްޓެލްކޯ އިން ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފަ އެވެ.