މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް ނީލަން ފިހާރަ ބަދަލުނުކުރެވެނީ ޕްލޭނިން މިނިސްޓްރީން ބިމެއް ނުދީގެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ އިއްޔެ ހެނދުނު މާލެ ސިޓީ ކައުންސިލް އިދާރާގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ނީލަން ވިޔަފާރި ކުރާ މީހުންނަށް ދިމާވާ ދަތިތަކާއި، އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ވިޔަފާރި ކުރިއަށް ގެންދާނެ ތަނެއް ނެތުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ވަމުންދާ ގެއްލުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މިގޮތުން މޭޔަރު މުއިއްޒު ވަނީ ނީލަން ވިޔަފާރި ހިންގުމަށް ވަކިން ހާއްސަ ތަނެއް ހުންނަން ޖެހޭނެ ކަމަށާއި އެ ވިޔަފާރިއަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓރިއަލް ވިލެޖު ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސަރަހައްދުން ނީލަން ފިހާރަ ހިންގުމަށް ބިމެއް ދިނުމަށް އެދި ސަރުކާރުގައި ދަންނަވާފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"އެތަނަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި އެދުނިން. މިގޮތަށް ދެންނެވުމުން އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައި،" މުއިއްޒު ވިދާޅުވި އެވެ.
މާލެގެ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ޕްލޭނިން މިނިސްޓްރީންނެވެ. މުއިއްޒު ވަނީ އެ މިނިސްޓްރީން އިންޑަސްޓްރިއަލް ވިލެޖުގައި ނީލަން ފިހާރަ ހިންގުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
"އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫން ކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ކަމަށްވެފައި އެ މުއައްސަސާއިން އެކަމަށް ހުއްދަދީފައި ނުވާތީ،" މުއިއްޒު ފާހަގަކުރެއްވި އެވެ.
ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވީ މިދިޔަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ. މި ހާދިސާގައި އަލިފާން ފެތުރި އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ އަނދާ ހުލިވެފަ އެވެ.
މިވަގުތު ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖެހިފައި ނުވުމަކީ ވިޔަފާވިވެރިންނާއި ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.