ހަބަރު

ބިން ހުސްކުރި އިރު ބައެއް ތަކެތި ވަނީ ގެއްލިފައި: ސްޓެލްކޯ

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއަށް ދީފައިވާ ބިމެއް އެ ކުންފުންޏަށް ނާންގައި މާލޭ ސިޓީ ކައުންސިލުން ހުސްކުރި އިރު އެ ތަނުގައި ކުރިން ހުރި ބައެއް ތަކެތި ގެއްލިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ހުސްކުރީ މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައި އޮތް ބިމެވެެ.

ތިލަފުއްޓާ މާލެއާ ބްރިޖަކުން ގުޅާލާއިރު މާލެއާ ތިލަފުއްޓާ އިންޓަކަނެކްޝަނަކުން ގުޅާލުމަށް 132 ކޭވީގެ ކަރަންޓް ސަބްސްޓޭޝަނެއް އެ ބިމުގައި ގާއިމުކުރަން ސްޓެލްކޯއިން ވަނީ ނިންމައިފަ އެވެ.

އެހެންވެ އެ ބިން ބޭނުންކުރުމަށްޓަކައި ސްޓެލްކޯއިން ވާނީ އެ ބިން ސާފުކޮށްފައި، ވަށައިގެން ފެންސްވެސް ޖަހާފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުުންސިލުން އެ ބިން ސާފުކުރި އިރު ސީސީޓީވީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ސްޓެލްކޯއިން ކޮންޓްރެކްޓަރު ލައްވައި ބެހެއްޓި ބައިވަރު އެއްޗެތި ގެއްލިފައިވާ ކަމަަށެވެ.

"މިތަން ސެކިއޯ ކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން
ބިންގަނޑު ލެވެލްކޮށް މިތަނުގައި ހުރި ކުންޏާ އެއްޗެތި ބޭރުކޮށް މިތަން ސާފުކޮށްފައި ވަށައިގެން ފެންސްވެސް ޖެހިފައިވާނީ. އަޅުގަނޑުމެންވާނީ ފެންސް ޖަހާފަ ސީސީޓީވީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ބައިވަރު އެއްޗެތި ބަހައްޓައިފައި. އެ އެއްޗެތި ނެތް މިހާރު. ހަމައެކަނި ހުރީ ކޮންޑިއުޓް ހޮޅިކޮޅެއް އެތަނުގައި ފެންނަން ހުރީ." ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިިދިޔަ ހަފްތާ ބަންދުގައި އެ ކުުންފުންޏަށް ނުވެސް އަންގައި މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ހުރި ފެންސްތަކާ ޓިނުތައް ނައްޓާފައި އަދި ހޮޅިތައް ވެސް ނަގާފައި އެ އެއްޗެތި ބޭނުންކޮށްގެން އެ ބިމާ ޖެހިގެން ހުރި އެހެން ބިމެއްގައި ފެންސް ޖަހާފައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އެ ބިން ބޭނުންވެގެން އުޅޭ ސަބަބު ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މާލޭގެ ލޭންޑް ޔޫސް ޕްލޭނަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސްޓެލްކޯގެ ބޭފުޅުންނާ ބައްދަލުކުރަން ސިޓީ ކައުންސިލުން ވަރަށް ފަހުން އެދުނު ކަމަށެވެ. ނަމަވެސް ބައްދަލުުވުން ޝެޑިއުލްކޮށްފައި އޮތް ދުވަހު ސިޓީ ކައުންސިލުން ބައްދަލުވުން ކެންސަލްކުރި ކަމަށެވެ.

ސްޓެލްކޯގެ ބިމަކީ 21،000 އަކަ ފޫޓުގެ ބިމެކެވެ. އެ ބިން ބޭނުންކުރަން އިތުރު ޕްލޭންތަކެއްވެސް އެބަހުރި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ ކުރިން އެ ބިން ހުސްކުރަން މަސައްކަތް ކުރުުމުން އެކަން ހުއްޓުވަން ފުލުހުންނަށް ހުށަހެޅި ކަަމަށްވެސް ސްޓެލްކޯއިން މިއަދު ބުންޏެވެ. އަދި ސްޓެލްކޯއިން އެދުނު ގޮތަށް އެކަން މަޑުޖައްސާލަން މާލޭ ސިޓީ ކައުންސިލަށް އެންގި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު ދެކޭގޮތުގައި މުއައްސަސާއަކުން މިކަން ކުރިޔަސް އޮންނަ އެންމެ ރަނގަޅު އުސޫލަކީ އެކަމެއްގެ މައުލޫމާތު އެކަމަކާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް އެކަންކުރަންވާ ރަނގަޅު ގޮތުގައި އެ މަސައްކަތް ގެންދިއުން. ސްޓެލްކޯ އަށް މިބިން އޮތުން މުހިންމުކަން ހަގީގަތުގައި އަޅުގަނޑު ހިތުން އޭގެ މަޝްވަރާތައް ކުރެވުނުނަމަ މާލޭ ސިޓީ ކައުންސިލަށް އެނގިގެން ދިޔައިސް ކަންނޭނގެ " އޮފިޝަލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖް އަޅަން ފަށާއިރު އިންޑަސްޓްރިއަލް ވިލެޖު ބްރިޖުގެ މަސައްކަތްތަކަށް ދޫކުރަން ޖެހޭނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިންމުމަށް ފަހު އެ ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅަން ޖެހޭނީ މާލޭގެ ރައްޔިތުން ކަމަށެވެ. އަދި އެކަމުގައި މާލޭގެ ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.