ސްޓެލްކޯގެ ސާމާނުތަކެއް ބަހައްޓާފައި ހުރި ބިމެއް އެ ކުންފުންޏަށް ނޭނގި މާލެ ސިޓީ ކައުންސިލުން ހުސްކުރި މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ސިޓީ ކައުންސިލުން ހުސްކޮށްފައިވަނީ އެ ކުންފުންޏަށް މާލޭގެ ސިނާއީ ސަރައްދުން މޭރީބްރައުން ކުރިމަތިން ދީފައިވާ ބިމެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ސިޓީ ކައުންސިލުން އެ ބިން ހުސްކުރި ކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. ހުސްކޮށްފައިވާ ބިމަކީ ސްޓެލްކޯ އިން ބޮޑު ހަރަދެއް ކޮށްގެން ފެންސް ޖަހާ ބަންދު ވެސް ކޮށްފައިވާ ބިމެއް ކަމުގައި ވިދާޅުވި އެވެ.
"ހަގީގަތުގައި މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެއްލުމެއް. އެ ބިމުގައި ހުރި ތަކެތި ވެސް ވަނީ ނަގާފައި. ފެންސްތައް ވެސް ވަނީ ނައްޓާލާފައި. އަދި އެއީ އަޅުގަނޑުމެންގެ ޕްލޭންތައް ހުރި ގޮތަށް ބަލާއިރު ވަރަށް މުހިއްމު ބިމެއް. އަދި އެތަނުގައި ސްޓެލްކޯގެ ބައެއް ސާމާނުތައް ހުރުމުގެ އިތުރަށް އެތަނުގެ ބައެއް މަސައްކަތްތައް ހުންނާނީ ފެށިފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ހުސްކުރި ބިން ސްޓެލްކޯ އަށް މުހިއްމު ވާތީ ސްޓެލްކޯ އަށް އެ ބިން ދާއިމީކޮށް ދޫކުރުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދިފައިވެސް ވާނެ ކަމަށެވެ. ގުރޭޓާ މާލޭ އޭރިއާ އަށް އެއް ވިއުގަ އަކުން ކަރަންޓު ދިނުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދާ މަޝްރޫއުގައި އެ ބިމަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަން ހުރި ބިމެއް ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ސިނަމާލެ ބުރިޖާއި ތިލަމާލެ ބްރިޖާ އެކު ގްރޭޓާ މާލެ ސަރަހައްދު ގުޅިގެންދާއިރު ހުރިހާ ރަށަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާނެ ޓްރާންސްފޯމަރާއި ސޯލާ ބެޓެރި ސިސްޓަމެއް އެ ބިމުގައި ބަހައްޓަން ސްޓެލްކޯ އިން ވަނީ ނިންމާފަ އެވެ.
ސްޓެލްކޯ އިން ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ހުސްކުރި ކަމަށް ބުނާ ބިމުގެ މައްސަލާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓެލްކޯ އިން ބުނާ ފަދަ ކަމެއް ހިނގިކަން އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.