ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން އެއްބަސްވުމަކަށް އަދި ނާދެވޭ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެމްޑީއޭގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މައުރޫފު ވިދާޅުވީ މިހާރު ކުރިއަށްދަނީ މަޝްވަރާތައް ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ. އަދި އެއްވެސް ކަމަކަށް އަޅުގަނޑުމެން އެއްބަހެއް ނުވޭ. އެހެންވީމަ މީގައި އަދި ވަގުތު ނަގާނެ." މައުރޫފު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު ވާދަނުކުރެއްވުމަށް ނިންމެވުމުން އެއް ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާއިރު ރިޔާސީ އިންތިހާބުގައި އެމްޑީއޭ ކުރިއަށްދާނީ ކޯލިޝަނަކާއެކު މައުރޫފު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީއޭ އާއި އެމްޑީޕީން މިއަދު ބައްދަލުކޮށްފައިވާއިރު މައުރޫފު ވިދާޅުވީ ސިޓީ ލިބޭ ތަރުތީބުން ޕާޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.
މައުރޫފު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީންވެސް އެމްޑީއޭއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"ސީދާ ޖޭޕީއަކުން މިކޮޅަށް ހުށަހެޅުމެއް ނެތް. ނަމަވެސް ވާހަކަ ދެކެވެމުންދަނީ،" މައުރޫފު ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވީ ހުރިހާ ޕާޓީއަކަށް އެމްޑީއޭ ހުޅުވިފައިވާ ކަމަށާއި ކޯލިޝަނަށް ދާނީ ރައްޔިތުންގެ މަސްލަހަތާޢި ގައުމާއި ދީނުގެ ހައްގުގައި އެންމެ ރަނގަޅު ބަޔަކާއެކު ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީ ގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި އެންމެ މުހިންމު ބައިވެރިއަކީ އެމްޑީއޭ ކަމަށެވެ.
އޭރުވެވުނު ކޯލިޝަން އެއްބަސްވުމަކީ "އަކުރުން އަކުރަށް ރަނުންރަނަށް" ތަންފީޒު ކުރެވުނު އެއްބަސްވުމެއް ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މީގެ ކުރިން އެމްޑީއޭއާ މަޝްވަރާ ނުކުރީ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާތީ ކަމަށް ޝުޖާއު ވިދާޅުވި އެވެ.