ޝީޝާ

ޝީޝާގެ ޝޯރޫމް ބޮޑުކޮށް އާ ސައިކަލެއް ތައާރަފްކޮށްފި

ރާ އްޖޭގައި ހުންނަ ހޮންޑާގެ މޮޓޯ ސައިކަލުގެ ހަމަ އެކަނި ޑިސްޓްރިބިއުޓަރު - ޝީޝާ އިން އެ ކުންފުނީގެ ޝޯރޫމް ބޮޑުކޮށް ހޮންޑާގެ މުޅިން އާ މޮޑެލްއެއްގެ ސައިކަލެއް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ޝީޝާއިން އެ ކުންފުނީގެ ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލޭގައި ހުންނަ ޝީޝާ ޝޯރޫމްގެ ދެވަނަ ފަންގިފިލާ ރަސްމީކޮށް ހުޅުއްވައިދެއްވީ ޝީޝާގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް ހުޝާމް އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ހުޝާމް ވިދާޅުވީ ޝޯރޫމް ބޮޑުކުރަން ނިންމީ ހޮންޑާގެ އާ މޮޑެލްތައް ރާއްޖެއަށް އަންނަ ވަރު ގިނަވުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ލައިންއަޕްގައި ސައިކަލްތައް ގިނަވަމުންދާތީ ޝޯރޫމް ބޮޑުކުރަން މި ނިންމީ. ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ،" އިބްރާހިމް ހުޝާމް ވިދާޅުވި އެވެ.

ޝީޝާގެ އޮޕަރޭޝަންސް އެންޑް މާކެޓިން މެނޭޖަރު ފާތިމަތް ޖުމާން ވިދާޅުވީ ޝީޝާއިން އަބަދުވެސް އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލަށް ބަލާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ހިތްހަމަޖެހިގެން ތިބެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ދެވޭނެ މާހައުލެއް މުވައްޒަފުންނަށް ގާއިމްކޮށްދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ޝީޝާއިން މިއަދު ތައާރަފްކުރި ހޮންޑާގެ އާ މޮޑެލްއަކީ ހޮންޑާ ވިޝަން އެވެ. މިއީ އަގުހެޔޮ އަދި ކޮލިޓީ ރަނގަޅު ސައިކަލެއް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހޮންޑާއިން ތައާރަފް ކުރި ސައިކަލެކެވެ.


ހޮންޑާ ވިޝަން އަކީ ތެޔޮ ހަރަދު ވަރަށް ކުޑަ ސައިކަލެކެވެ. ޝީޝާއިން ހޮންޑާ ވިޝަން ވިއްކަން ނިންމާފައިވަނީ 49،900 ރުފިޔާ އަށެވެ. ހޮންޑާ ވިޝަންގެ ހަތަރު ކުލައެއް ޝީޝާއިން މިވަގުތު ލިބެން ހުންނާނެ އެވެ. އެއީ ކަނޑު ނޫ ކުލައާއި ހުދު ކުލައާއި އަޅި ކުލައިގެ އިތުރުން ކަޅު ކުލަ އެވެ.

ޝީޝާއިން ހޮންޑާގެ ސައިކަލުގެ އިތުރުން ޕަވަ ޕްރޮޑަކްޓްސްގެ ގޮތުގައި ހޮންޑާ ފެން ޕަމްޕް، ޓްރޭޝް ޕަމްޕް، ބްރަޝް ކަޓަ، ބޭގް ޕެކް ސްޕްރެޔާ އަދި އެކި ބޭނުންތަކަށް ބޭނުން ކުރެވޭ އިންޖީންތައްވެސް ލިބެން ހުންނާނެ އެވެ.

މިވަގުތު އަތޮޅުތެރޭގެ ހަ ރަށެއްގައި ޝީޝާގެ އައުޓްލެޓްތައް ގާއިމުކޮށްފައިވެ އެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ، ޏ. ފުވައްމުލަށް، ގއ. ވިލިނގިލި، ގދ. ތިނަދޫ، ލ. ގަން އަދި ހދ. ކުޅުދުއްފުށްޓެވެ.

މާލޭގައި ހުންނަ ޝީޝާ ޝޯރޫމް ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 5:15 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހޮނިހިރު ދުވަހު ޝޯރޫމް ހުޅުވާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 1:30 އިން ހަވީރު 5:30 އަށެވެ. ޝީޝާ ޝޯރޫމް ހުކުރު ދުވަހު ބަންދު ވާނެ އެވެ.

ޝީޝާގެ މާލޭގެ ޝޯ ރޫމް ހުންނަނީ ނިރޮޅު މަގުގައި ހުންނަ ޝީޝާ ޓަވަރުގަ އެެވެ.